ކާޑުތަކުގެ ޑޮލަރު ލިމިޓަށް މި މަސް ނިމޭއިރު ލުޔެއް ލިބޭނެ: ރައީސް

އަޙްމަދު ސަދޫފް މޫސާ

ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލް
SHARE
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ގެނެސްފައިވާ ލިމިޓްތަކަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ބީއެމްއެލްއަށް ދަތިތަކެއް ދިމާވެގެން މިހާރު ކާޑުތަކުގެ ލިމިޓް ކުޑަކޮށްފައިވީ ނަމަވެސް، އެކަމާ ގުޅޭ މައުލޫމާތު ސާފުކުރިއިރު އުންމީދީ ޖަވާބެއް ލިބިފައިވާ ކަމަށެވެ.
"ބޭންކް އޮފް މޯލްޑިވްސްއަށް ދަތިތަކެއް ދިމާވާތީވެ މިހާރު ކުޑަކޮށް ލިމިޓްކޮށްލައިގެން އެއުޅެނީ. އެހެންނަމަވެސް އިއްޔެގަ ރައީސް އޮފީހުން ބޭންކަށް މައުލޫމާތު ހޯދަންބެލިއިރުގައި މި މަސް ނިމޭއިރު އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ތަނުން ލުއިކޮށްދޭނެކަމުގެ އިޝާރާތެއް ކުރައްވާފައިވަނީ،" ރައީސް ވިދާޅުވިއެވެ.
ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން ކުރާ މުއާމަލާތްތަކަށް ލިމިޓްތަކެއް ގެންނަން ޖެހުނު ސަބަބާ ގުޅޭގޮތުން އެ ބޭންކުން ބުނެފައިވަނީ، މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން އަންނަ އަދަދު ދަށްވެ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ މަދުވެފައިވާ ކަމަށެވެ. މީގެ ކުރިން ބޭންކުން ދުވާލަކު 1.33 މިލިޔަން ޑޮލަރު މިފަދަ މުއާމަލާތްތަކަށް ވިއްކަމުންދިޔަ ކަމަށް ބޭންކުން ފާހަގަކުރެއެވެ.
ބޭންކުން މިހާރު އަމަލުކުރަމުންދާ އުސޫލަކީ ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިން ޑޮލަރު ވިއްކުމެވެ. އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު ބައެއް ރީޓެއިލް ސައިޓްތަކުން ވިޔަފާރި ނުކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ. ނަމަވެސް ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓެއް ނެތި މުއާމަލާތް ކުރެވޭނެ ކަމަށް ބޭންކުން ވަނީ ކަށަވަރުކޮށްދީފައެވެ.


