ނަމާދު ގަޑިތަކުގައި ކުޅިވަރު ކުޅުން މެދުކަނޑާލަންޖެހޭ: ރައީސް

އަޙްމަދު ސަދޫފް މޫސާ

SHARE
ނަމާދު ގަޑިތަކުގައި ކުޅިވަރު ކުޅުން މެދުކަނޑާލަން ޖެހޭ ކަމަށާއި، ނަމާދު ގަޑިތަކުގައި ކުޅިވަރު ނުކުޅޭވޭ ގޮތް ހެދުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިންނަކީ އިސްލާމް ދީނުގެ ހަމަތަކުގެ މަތިން ކަންކަން ކުރާ ބަޔަކަށްވާއިރު، އެކަން ހުރިހާ ކަމެއްގައި ވެސް އަމަލީ ގޮތުން ފެންނަން ޖެހޭނެ ކަމަށެވެ. ކުޅިވަރުގެ މައިދާނުގައި އުޅޭއިރު ނަމާދު ގަޑި ޖެހިގެންދާއިރު ވެސް ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން އަލަށް ތަރައްގީކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި، އެކުވެނި ފަދަ ކުޅިވަރު ކުޅޭ މައިދާންތަކުގައި ވުޟޫކޮށް ނަމާދު ކުރެވޭނެ ފެސިލިޓީތައް ގާއިމު ކުރެވިގެންދާނެއެވެ. މިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، މިހާރު އޮތީ ތަންފީޒީ މަރުހަލާގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިފަދަ ބަދަލުތަކެއް ގެންނަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވެފައި، މުޖުތަމައުގައި އަމަލީ ގޮތުން ކަންކަން ތަންފީޒު ކުރެވެން ޖެހޭނީ އެ ހަގީގަތުގެ މައްޗަށް ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މާފަންނު ސްޓޭޑިއަމްގައި ނަމާދު ކުރާ ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސްތަކުގައި ނިމިގެންދާނެއެވެ.
ސްޕޯޓްސް މިނިސްޓްރީން މިހާރު ކުރިއަށްގެންދާ އެކި މަޝްރޫއުތަކުގެ ދަށުން އަޅާ ކުޅިވަރު ފެސިލިޓީތަކުގައި ވެސް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށާއި، ނަމާދު ވަގުތު ޖެހުމުން އެ ތަންތަނުގައި ކުޅިވަރު ކުޅުން މެދުކަނޑާލަން ޖެހޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.


