އެމްޑީޕީ ރޫޅާލަން ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް އުވާލައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ނިންމައިފިއެވެ.

އީސީން މިއަދު ބުނީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 (ތިންހާސް) މެންބަރުން ހަމަވެފައިނުވާތީ، ދަ ޑިމޮކްރެޓްސްއާއި އެކު މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) މިއަދު ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރަން ނިންމައިފައިވާ ކަމަށެވެ.
ދަ ޑިމޮކްރެޓްސްއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޯދަން އެ ޕާޓީން ބޭއްވި އެތެރޭގެ ޕްރައިމަރީއިން ރައީސް ނަޝީދުއަށް ނާކާމިޔާބީއާ ކުރިމަތިވެ، އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައިވުމުގެ ތެރެއިން އެ ޕާޓީ ދޫކުރައްވައި ރައީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ.
އެގޮތުން އެ އަހަރުގެ ބޭއްވި ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ވާދަކުރިއިރު، އެ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،000 އެއްހާ ވޯޓު ހޯދައި އެ ބުރުން އެ ޕާޓީ ތިންވަނަ ހޯދިއެވެ. އެއާއެކު މި ވެރިކަމުގައި އެޕާޓީގެ ބައިވެރިވުން އޮންނާނެ ކަމުގެ އަޑުތައް ގަދަވެ، އެފަދަ ގިނަ މަޝްވަރާތަކެއް ކުރެވިފައިވަނިކޮށް އެކަން ނާކާމިޔާބުވެ، އަލުން ރައީސް ނަޝީދު އެމްޑީޕީއާ ނިމުނު 2025 ވަނަ އަހަރު ގުޅިވަޑައިގެންނެވިއެވެ.
އެމަނިކުފާނު އެމްޑީޕީއާ ގުޅިވަޑައިގެންނެވިއިރު، ޑިމޮކްރެޓްސް ޕާޓީއަށް އެމަނިކުފާނު ސޮއިކުރެއްވި ޖަލްސާގައި އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ވެސް ރައީސް ނަޝީދު ދެއްވި އެވެ. އެ ޖަލްސާގައި އެމަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލައްވާނެ ކަމަށެވެ.
މިހާރު އެމަނިކުފާނު ގެންދަވަނީ ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވަމުންނެވެ. އެ އިންތިހާބުގައި އެމަނިކުފާނާ ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.

