logo

ޤާނޫނީ ޙައްޤު އަދާކޮށް، ވޯޓުގައި ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް ރައީސް އެދިވަޑައިގެންފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

4 އޭޕްރީލު 2026 - 03:59
ޤާނޫނީ ޙައްޤު އަދާކޮށް، ވޯޓުގައި ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް ރައީސް އެދިވަޑައިގެންފި

SHARE

މިއަދު ކުރިއަށްދާ އިންތިޚާބުތަކުގައި ވޯޓުލުމަކީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ޤާނޫނީ ޙައްޤެއް ކަމަށާއި، އެ ޙައްޤު އަދާކުރެއްވުމަށް ހުރިހާ ރައްޔިތުންވެސް ވޯޓުލުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ކުރު މެސެޖެއްގައި ރައީސް ވިދާޅުވީ، ވޯޓު ލުމަކީ އަސާސީ ހައްގެއް ކަމަށެވެ.

"އަސާސީ ޤާނޫނީ ޙައްޤެކޭ ވޯޓުލުމަކީ. އެހެންވީމާ ރައްޔިތުންގެ ޤާނޫނީ ޙައްޤު އަދާކުރެއްވުމަށް މިއަދުގެ ވޯޓުގައި ހުރިއްޔާ ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

އިންތިޚާބުގެ ތަފްސީލު

މިއަދު ކުރިއަށްދަނީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓެވެ. މި އިންތިޚާބުތަކުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

/

މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، ވޯޓުލާ މީހުންނަށް އޮޅުން ނުއަރާނެހެން ވޯޓު ކަރުދާސްތަކާއި ފޮށިތައް ވަނީ ތަފާތުކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކަރުދާހުގެ ފަހަތުގައި ދާއިރާގެ ނަމާއި ކޯޑު ހިމަނާފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކަރުދާހުގައި ޚާއްޞަ ކުލަ ބޯޑަރެއް އަދި ޚިޔާލު ހޯދުމުގެ ވޯޓު ކަރުދާހުގައި އެކަން އެނގޭނެހެން ނަން ލިޔެފައިވާ ބޯޑަރެއް ހިމަނާފައިވެއެވެ.

ވޯޓު ފޮށިތައް ވަކިކުރުމަށްޓަކައި ބޭނުންކޮށްފައިވަނީ ކުލަ ލޭބަލްތަކެވެ. އެގޮތުން އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ފޮއްޓަށް ހުދު ކުލަ، ކައުންސިލް އިންތިޚާބުގެ ފޮއްޓަށް ނޫ ކުލަ، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ވޯޓު ފޮއްޓަށް ފެހި ކުލައިގެ ލޭބަލެއް ވަނީ ހަރުކޮށްފައެވެ.

ވޯޓުލުން ނިމުމާއެކު، މިއަދު ހަވީރު 4:30 ގައި ވޯޓު ގުނަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. ނަތީޖާ އިޢުލާނު ކުރުމުގައި އިސްކަންދޭނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނަތީޖާތަކަށެވެ. އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އިޢުލާނު ކުރާނީ އޭގެ ފަހުންނެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/