ބަންކަރިން އިން މިހާތަނަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ: ސައީދު

އަޙްމަދު ސަދޫފް މޫސާ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ
SHARE
އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިން ޚިދުމަތުން ދައުލަތަށް މިހާތަނަށް 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ލިބުނު މި އާމްދަނީއަކީ ގާތްގަނޑަކަށް 47 މިލިއަން ޑޮލަރު ކަމަށެވެ.
2024 ވަނަ އަހަރު ފެށި މި ޚިދުމަތަކީ ނެދަލޭންޑްސްގެ "ވިޓޯލް" ކުންފުންޏާއި އެސްޓީއޯ ގުޅިގެން ދެމުން އަންނަ ޚިދުމަތެކެވެ. މި ޚިދުމަތް ދިނުމަށްޓަކައި އެސްޓީއޯ އާއި ވިޓޯލުގެ އެއްބަސްވުމެއްގައި ސޮއިކުރީ 2024 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މި ޚިދުމަތަށް ޚާއްސަކޮށްގެން "އުތުރު އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" ގެ ނަމުގައި އައު އިމާރާތެއް ވެސް ވަނީ ޤާއިމްކޮށްފައެވެ.
ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން މިހާރު ތިން ބޯޓެއް ބޭނުންކުރަމުންދެއެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، އެމްއެސްއެސް އިން އޮޕަރޭޓްކުރާ 200 ޓަނުގެ ތެޔޮ އުފުލޭ "ވައިސީ ބެރިއާ" ހިމެނެއެވެ. މީގެ އިތުރުން 4،000 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓަކާއި 3،200 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓެއް ވެސް މި ޚިދުމަތަށް ބޭނުންކުރެއެވެ.
ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި ޚިދުމަތުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ރާއްޖޭގެ އިގްތިސާދަށް ވަންނާނެއެވެ. ރާއްޖޭގައި މި ޚިދުމަތް ފެށުމުގެ ކުރިން މި ސަރަހައްދުގައި މި ޚިދުމަތް މައިގަނޑު ގޮތެއްގައި ފޯރުކޮށްދެމުން އައީ ކޮލޮމްބޯ އާއި އިންޑިއާގެ ބަނދަރުތަކުންނެވެ.





