ދައުލަތުގެ އާމްދަނީ 19 އިންސައްތަ އިތުރުވެ، މާލީ ހާލަތު ރަނގަޅުވެއްޖެ

އަޙްމަދު ޝާބިން

SHARE
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި، 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެން ދައުލަތުގެ މާލީ ހާލަތު ވަރުގަދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، 02 އެޕްރީލް 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 12.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 11.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ.
މި މުއްދަތުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކާއި، އޭގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ކާމިޔާބުކަމާއެކު ދައްކައި ހަލާސްކުރުމެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި، ބޭރު ފައިސާގެ ރިޒާވް ބޭނުންކޮށްގެންނެވެ. މިއީ ދައުލަތުގެ ދަރަނި މެނޭޖްކުރުމަށާއި، ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ކުރިއެރުމަކީ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށާއި ރާއްޖޭގެ ބޭރުގެ މާލީ ހާލަތު ރަނގަޅުކުރުމަށް 2024 ވަނަ އަހަރުން ފެށިގެން ތައާރަފުކުރި ސިޔާސަތުތަކުގެ ނަތީޖާކަން މިނިސްޓްރީން ފާހަގަކުރެއެވެ. މީގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި މަނިޓަރީ ސިޔާސަތަށް ގެނައި ބަދަލުތައް ހިމެނެއެވެ.
ހާއްސަކޮށް، ބޭރު ފައިސާއާ ބެހޭ ގާނޫނާއި، ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރުން ލާޒިމުކުރާ ގަވާއިދުތައް ތަންފީޒުކުރުމުގެ ސަބަބުން ރަސްމީ ރިޒާވް އިތުރުވެ، ސުކޫކް އަނބުރާ ދެއްކުމަށް މަގުފަހިވެގެންދިޔައެވެ.
ރިޕޯޓުން ދައްކާގޮތުގައި، ދައުލަތުން ދަރަނި އަނބުރާ ދެއްކި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ލޯނު އަނބުރާ ދެއްކި މިންވަރު 8.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހުރި 2.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 254.5 އިންސައްތައިގެ އިތުރުވުމެކެވެ.
ހަމައެއާއެކު، އިންޓްރެސްޓަށް ހޭދަވި މިންވަރު ވަނީ 1.51 ބިލިއަން ރުފިޔާއިން 1.08 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ދައުލަތުގެ އާމްދަނީގެ މައިގަނޑު އަސާސަކީ ޓެކްސް އާމްދަނީއެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 10.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 20.2 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ ތެރެއިން ޖީ.އެސް.ޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 3.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.0 އިންސައްތައިގެ ކުރިއެރުމެކެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވި ހަފުތާގައި އާމްދަނީއަށް އައި އެންމެ ބޮޑު ކުރިއެރުމަކީ ޓީ.ޖީ.އެސް.ޓީން ލިބުނު އާމްދަނީއެވެ.


