ވަކިން އޮތް ޔޫތް އާއި ސްޕޯޓްސް މިނިސްޓްރީ އަނެއްކާ ވެސް އެއްކޮށްލައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
ވަކިން އޮތް މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަނެއްކާވެސް އެއްކޮށްލައި، އެ ވުޒާރާގެ ވަޒީރުކަމަށް ޑރ. އަބްދުﷲ ރާފިއު މިއަދު އައްޔަނުކުރައްވައިފިއެވެ.

މިދިޔަ ސަރުކާރުގައި ވެސް ޒުވާނުންނާއި ކުޅިވަރާ ބެހޭ ކަންކަން ބަލަހައްޓަމުން އައީ އެއް ވުޒާރާއަކުންނެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެ ދެ ދާއިރާ ވަނީ ވަކި ދެ ވުޒާރާއަކަށް ބަދަލުކޮށްފައެވެ.
އެ ބަދަލާއެކު ޔޫތް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވީ އިބްރާހިމް ވަހީދު (އަސްވާޑު) އެވެ. ނަމަވެސް، މިއަދުގެ ވަގުތެއްގައި އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ދެ ވުޒާރާ އެއްކޮށްލުމަށްފަހު، ވަޒީރުކަމުގެ ހުވާ ޑރ. ރާފިއު ކުރެއްވީ އާ ވަޒީރުން އައްޔަނުކުރުމަށް މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އޭނާއަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް އަދުނާނެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޑރ. ރާފިއުއާ ހަވާލުކުރައްވާފައެވެ.


