ކުރިއަށް އޮތް ތިން ދުވަހު ވާރޭ ވެހުނަސް ކަނޑުތައް މަޑުވާނެ: މެޓް

އަޙްމަދު ސަދޫފް މޫސާ

SHARE
ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) މިއަދު ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މާދަމާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެއެވެ. ޚާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރަށް ވިއްސާރަވާނެ ކަމަށް ބެލެވޭއިރު، ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ކުރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އަދި މި ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
އެގޮތަށް ވިއްސާރަވި ނަމަވެސް އާންމު ގޮތެއްގައި ވައި މަޑުވެފައި ކަނޑުތައްވެސް މަޑުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
އެހެން ނަމަވެސް ވިލާގަނޑުގައި ވަޔާއި ކަނޑު ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އާންމު ގޮތެއްގައި ވައި ޖެހޭނީ 3 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެންނަމަވެސް ވިލާގަނޑުގައި 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ގުގުރުމުގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް ނުވާއިރު، ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނީ މޭ މަހުގެ ފަހުކޮޅުގައި ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ




