ފެންބޮޑުވެ، މާލޭގެ ފެން ހިންދަން ސިފައިން ނުކުމެއްޖެ

އަޙްމަދު ސަދޫފް މޫސާ

SHARE
މިއަދު ފަތިހުން ފެށިގެން މާލެއަށް ހުއްޓުމެއް ނެތި ކުރަމުންދާ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާއިރު، މާފަންނު ސަރަހައްދުގައި ކޮންމެވެސް ވަރަަކަށް ފެންބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން ސިފައިން ދަނީ ރަސްފަންނު ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ބާރަށް ކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:15 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.




