
SHARE
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވައިފިއެވެ.

މުޙައްމަދު ޙުސައިން ޝަރީފަކީ ސަރުކާރުގެ މަތީ މަގާމުތަކާއި ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ މީގެ ކުރިން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި، ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ.
މީގެ އިތުރުން، މުޙައްމަދު ޙުސައިން ޝަރީފަކީ ރައީސް އޮފީހުގެ ތަރުޖަމާނުކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ 2005 އިން 2007 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްމަންކަން އަދި 2007 އިން 2008 އަށް ޕްރެޒިޑެންޝަލް ސްޕޯކްސްޕާސަންކަމުގެ މަޤާމު ފުރުއްވާފައެވެ.
އަދި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
މިއަދު މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން މުޙައްމަދު ޙުސައިން ޝަރީފް އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ.






