އެމްޑަބްލިޔުއެސްސީގެ ފެން ބިލް ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ އަނެއްކާވެސް މަޢާފުކޮށްދީފި

އަޙްމަދު ސަދޫފް މޫސާ

SHARE
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ކަސްޓަމަރުންނަށް ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފުކޮށްދިނުމަށް އެ ކުންފުނިން އަނެއްކާވެސް ނިންމައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، މި ނިންމުން ނިންމީ ފެން ބިލްތަކަށް ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
މި ނިންމުމުގެ ދަށުން، އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2025 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދެވޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2026 އިން ފެށިގެން 31 ޑިސެމްބަރ 2026 އާ ދެމެދު އެއްކޮށް ދައްކައި ޚަލާސްކުރާ ކަސްޓަމަރުންނަށެވެ.
މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ޚަލާސްކުރުމަށް އެދޭ ކަސްޓަމަރުންނަށްވެސް އެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. މިގޮތަށް މަހުން މަހަށް ބަހާލައިގެން ފައިސާދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފްކޮށްދެވޭނީ، ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި އެއްކޮށް ޚަލާސްކުރުމުންނެވެ.
މިކަމާ ގުޅޭގޮތުން އިތުރު އެހީތެރިކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅައިގެން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. އަދި އަށް އީ-މެއިލް ކުރުމުންވެސް އެހީތެރިކަން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޑަބްލިޔުއެސްސީން ވަނީ، ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކައި ޚަލާސްކުރުމަށާއި، ކުރިއަށް އޮތް ތަނުގައި ޤަވާޢިދުން ބިލްތަކަށް ފައިސާ ދައްކަމުން ދިޔުމަށް ހުރިހާ ކަސްޓަމަރުންގެ ކިބައިން އެދިފައެވެ.

.jpg&w=3840&q=75)
