ޕީއެންއެފްގެ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދީފި

އަޙްމަދު ސަދޫފް މޫސާ

SHARE
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެކަންކަން އިސްލާހު ނުކޮށްފިނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެހެން ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ.
އަދި ހުރިހާ ހަރަކާތްތަކެއްވެސް ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ތެރެއިން ހިންގުމަކީ ގާނޫނުން ލާޒިމްކޮށްފައިވާ ކަމެއްކަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އެއް ޕާޓީއަކުން ބާއްވާ ބައްދަލުވުމަކަށް ހުރަސްއެޅުމާއި، އެއް ވަގުތެއްގައި އެއް ތަނެއްގައި އެހެން ޕާޓީއަކުން ބައްދަލުވުން ބާއްވަން މަސައްކަތް ކުރުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަމަށްވެސް އީސީގެ ބަޔާނުގައިވެއެވެ.
މިފަދަ އަމަލުތައް ނުހިންގުމަށް ޕީއެންއެފްއަށް ނަސޭހަތްތެރިވެ، އެކަން އެ ޕާޓީއަށް މިހާރު އަންގާފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ. އީސީން ބުނި ގޮތުގައި، މި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޕީއެންއެފްގެ އިސްވެރިން ކޮމިޝަނަށް ހާޒިރުވުމަށް ދައުވަތު ދީފައިވީ ނަމަވެސް، އެ ޕާޓީން ވަނީ ކޮމިޝަނަށް ހާޒިރުވުމަށް އުޒުރުވެރިވެފައެވެ.
އަދި ގާނޫނާ ހިލާފު މިފަދަ އަމަލުތައް ތަކުރާރުވާނަމަ، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެ ޕާޓީއާ މެދު އަޅާނެ ކަމަށް އީސީން ބުންޏެވެ.


