އެމްއެމްޕީއަރްސީގެ ޚިޔާނާތުން ދޮޅު ލައްކަ ޑޮލަރު ހޯދި ޕޮޕިއުލާ ކުންފުނީގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ ކަމަށް އޭސީސީން މިއަދު ބުނެފިއެވެ.

އޭސީސީން ބުނި ގޮތުގައި މި މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ 10 ފެބްރުވަރީ 2026 ގައެވެ.
އޭސީސީން މިއަދު ބުނި ގޮތުގައި އެ ކޮމިޝަނުގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، 2014 ފެބްރުވަރީން ފެށިގެން 2015 އޮކްޓޫބަރުގެ ނިޔަލަށް ޓޫރިޒަމް ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 150,000 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ޗެކެއް މެދުވެރިކޮށް ޕޮޕިއުލަރ މޯލްޑިވްސްގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ.
މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށާއި، ފައިސާގެ އަސްލު އޮޅުވާލުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގެ ތެރެއިން ތ. އޮޅުގިރި ކުއްޔަށް ދިނުމުގައިވެސް ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ވަނީ ހާމަވެފައެވެ. އެ ރަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން 36 މަސްދުވަހުގެ ތެރޭގައި ރިޒޯޓެއް ތަރައްގީކުރަން ޖެހުނު ނަމަވެސް، އެ މުއްދަތުގައި މަސައްކަތް ނިންމާފައެއް ނުވެއެވެ.
އެހެންކަމުން، އެއްބަސްވުމާ އެއްގޮތަށް އެ ރަށް ދައުލަތަށް އަނބުރާ ނެގުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ފޮނުވުމަށް އޭސީސީން ވަނީ ނިންމާފައެވެ.
އޭސީސީން ޕީޖީ އޮފީހުގައި އެދިފައިވަނީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޕޮޕިއުލަރ މޯލްޑިވްސްގެ މައްޗަށް ދައުވާ ކުރުމަށެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ އެއްލައްކަ ފަންސާސްހާސް ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށްވެސް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، އެމްއެމްޕީއާރު.ސީގެ ޚިޔާނާތާ ގުޅުންހުރި އިތުރު ސީރިއަސް މައްސަލަތަކެއްގައި ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.


