އޭޑީއެޗްޑީ ބޭސް ޑްރަގުގެ ލިސްޓުން އުނިކޮށް، ބޭނުންކުރަން ހުއްދަދޭން ރައީސްގެ ގަރާރެއް

އަޙްމަދު ސަދޫފް މޫސާ

SHARE
އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭ.ޑީ.އެޗް.ޑީ) ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހުގެ ބާވަތެއް ކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެއިން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާޙު ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޤަރާރެއް ނެރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ނަންބަރު 10/2026 ޤަރާރުގެ ދަށުން، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1 އަށް ވަނީ އިސްލާޙު ގެންނަވާފައެވެ.
މި އިސްލާޙާއެކު، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ލިސްޓުގެ 89 ވަނަ ނަންބަރުގައި ހިމެނޭ މިތައިލްފެނިޑޭޓް އެ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ.
މި ނިންމެވުމަކީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހަޅާފައިވާ ލަފަޔާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ނިންމެވި ނިންމެވުމެކެވެ. ރައްޔިތުންގެ މަޖިލީހުން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ އިއްޔެ ބޭއްވި މިއަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 3-4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަން ފަށާފައެވެ.
މިއީ އޭ.ޑީ.އެޗް.ޑީ ހުންނަ ފަރާތްތަކަށް ބޭނުންވާ މުހިންމު ފަރުވާ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.


