މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. މަގޫދޫއިން ދެ މީހަކު ހައްޔަރުކޮށްފި

އަޙްމަދު ސަދޫފް މޫސާ

SHARE
މާލެއިން ނ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ނ. މަގޫދޫއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ ދެ ޒުވާނުންނެވެ. އެއީ މުޙައްމަދު ނަޞޫޙް ނާޡިމް (21އ)، ހ. ދިޔަދޫ އަދި މުޙައްމަދު ތިބްޔާން ޝަހީން (25އ)، ގ. ސީވޭވް އެވެ.
މި މަހުގެ 14 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، އެކަކު ހައްޔަރުކޮށްފައިވަނީ މަގޫދޫ ގެސްޓްހައުސްއެއްގައި ހުއްޓައެވެ. އަދި ދެވަނަ މީހާ ހައްޔަރުކޮށްފައިވަނީ އެ ރަށު މަގުމަތިންނެވެ.
މި ދެ މީހުން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބޮޑު ހަތަރު ރަބަރު ޕެކެޓާއި 553 ކުޑަ ރަބަރު ޕެކެޓު ފެނިފައިވެއެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 48 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ނަޞޫޙް ނާޡިމް ފަސް ދުވަހަށް އަދި މުޙައްމަދު ތިބްޔާން ޝަހީން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.


