
ޑައިވަރުން ހޯދުމަށް މިހާރު ކުރިއަށް ދާ އޮޕަރޭޝަންގެ ތެރެއިން --ފޮޓޯ ޕީއެސްއެމް
SHARE
ވާވު އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ހަތަރު ފަތުރުވެރިން ހޯދުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، އޭގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ކަނޑުއަޑިން ނަގައިފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ އިތުރުން އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ގެނައި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އިއްޔެ ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގެ ތެރެއިން ، ގެއްލުނު ހަތަރު މީހުންގެ ހަށިގަނޑުވެސް އިއްޔެ ވަނީ ކަނޑުގެ އަޑިން ލޮކޭޓްކުރެވިފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، ގެއްލުނު ހަތަރު ފަތުރުވެރިންގެ ހަށިގަނޑުވެސް ފެނިފައިވަނީ އެމީހުން ޑައިވްކުރަން އުޅުނު ހޮހަޅައެއްގެ ތެރެއިންނެވެ. މި މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ ފޮނުވާފައިވަނީ ފިންލެންޑަށް ނިސްބަތްވާ ތަޖުރިބާކާރު ތިން ޑައިވަރުންނެވެ. އެމްއެންޑީއެފުން ފާހަގަކުރި ގޮތުގައި މި ތިން ޑައިވަރުންނަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާފައިވާ މިފަދަ ނުރައްކާތެރި އަދި އާދަޔާޚިލާފު ކަނޑުގެ މިޝަންތަކުގައި އަމަލީގޮތުން މަސައްކަތްކޮށް، ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ބައެކެވެ.
ޑައިވިން އަށް ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ދިވެހި ސިފައިންގެ މަސައްކަތުން ވަނީ އޭގެ ތެރެއިން އެކަކުގެ ހަށިގަނޑު އެ ދުވަހު ހޯދާފައެވެ.
އެއަށް ފަހު ވެސް ސިފައިން ވަނީ ބާކީ ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ މީހުން ގެއްލުނު ހޮހޮޅައިގެ ބޮޑު ބައެއް ބަލާފައިވަނިކޮށް، މިިދިޔަ ހޮނިހިރު ދުވަހު ވަނީ އެ މީހުން ހޯދަން ފީނި ސިފައިންގެ ބޭކަލެއް ކަމަށްވާ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ އެ އޮޕަރޭޝަންގެ ތެރެއިން ދިމާވި ހާދިސާއެއްގައި ނިޔާވެފައެވެ.
އޭގެ ފަހުން އޮޕަރޭޝަން ފަށާފައިވަނީ، ބޭރުގެ ތަޖުރިބާކާރުންގެ ޓީމަކާއެކު، އިއްޔެއެވެ.


