
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ
SHARE
އަތޮޅު ކައުންސިލުތައް އުވައިލެވުނު ނަމަވެސް، އަތޮޅުތަކުގައި ހުރި ކުރީގެ އަތޮޅު އޮފީސްތަކުގެ އިމާރާތްތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ގޮފިތަކެއް ޤާއިމުކުރައްވައި، އެތަންތަނަށް އެއްވެސް ވަރަކަށް ސިޔާސީ ބޭފުޅުން ނުލައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ޕީއެސްއެމް ނިއުސް އިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގައި ހުޅުވޭ މި އޮފީސްތަކަކީ ސިޔާސީ މަސައްކަތްތައް ހިންގާނެ ތަންތަން ނޫން ކަމަށާއި، އެތަންތަން ހުންނާނީ އެލްޖީއޭގެ އިދާރީ ސެކްޝަންތަކެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން، އެ އޮފީސްތައް ބެލެހެއްޓުމަށްޓަކައި ވަކިން އަތޮޅުވެރިން ނުވަތަ ގަވަރުނަރުން ފަދަ ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރުމަކީ އެމަނިކުފާނު ގަސްތުކުރައްވާ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ގެނައި މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ، އަތޮޅު ކައުންސިލުތައް އުވައިލިޔަސް، ކުރިން އެތަންތަނުގައި މަސައްކަތްކުރި އިދާރީ މުވައްޒަފުންގެ ވަޒީފާ ކަށަވަރުކޮށްދީ، ރަށު ކައުންސިލުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ކައިރިން ފޯރުކޮށްދިނުމެވެ. ލާމަރުކަޒީ ޤާނޫނުގެ 58 ވަނަ މާއްދާއަށް އިތުރުކުރި އަކުރެއްގެ ދަށުން، އިދާރީ ދާއިރާތަކުގެ ފެންވަރުގައި އެލްޖީއޭގެ ޒިންމާތައް ތަންފީޒުކުރުމަށްޓަކައި އަތޮޅުތަކުގައި އޮފީސްތައް ހިންގުމުގެ އިހުތިޔާރު މިހާރު ވަނީ އެ އޮތޯރިޓީއަށް ލިބިދީފައެވެ.
މި އާ އިންތިޒާމުގެ ދަށުން، އަތޮޅު ވެރިކަންކުރާ ރަށްރަށުގައި ހުރި އަތޮޅު ކައުންސިލްތަކުގެ އިދާރާތައް އެލްޖީއޭގެ ދަށަށް ބަދަލުވެ، އެތަންތަނަކީ ޤާނޫނުން ލާޒިމުކުރާ ހިދުމަތްތައް ދޭ އިދާރާތަކަކަށް ވެގެންދާނެކަން އެލްޖީއޭއިންވެސް ވަނީ ހާމަކޮށްފައެވެ. މި ގޮފިތަކުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ރަށު ކައުންސިލުތަކަށް ބޭނުންވާ އެކި ކަހަލަ ތަމްރީނުތައް ދިނުމާއި، ކައުންސިލް މުވައްޒަފުންގެ ހުނަރުވެރިކަން އިތުރުކުރުމުގެ އިތުރުން، ކައުންސިލުތަކުން ކުރާ މަސައްކަތްތައް މޮނީޓާކޮށް ސުޕަވައިޒް ކުރުމުގެ ޒިންމާދާރު މަސައްކަތްތަކެވެ.

.jpg&w=3840&q=75)

