ސަރުކާރު މުވައްޒަފުންނަށް 28 އަދި 31ގައި މުސާރަ ޖަމާކުރާނެ: ފިނޭންސް

އަޙްމަދު ސަދޫފް މޫސާ

SHARE
ދައުލަތުގެ މުވައްޒަފުންނަށް މި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޭން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މި މަހުގެ 28 އާއި 31 ވަނަ ދުވަހު މުސާރަ ދޭން ކަނޑައެޅީ އަޟްހާ އީދުގެ ބަންދާއި، މި ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ދުވަސްތަކަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.
މިއީ މުވައްޒަފުންނަށް ދަތިނުވާނެ ގޮތަކަށް މުސާރަ ޖަމާކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
އަޟްހާ އީދު ބަންދާ ގުޅިގެން މިދިޔަ ހުކުރު ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. ބޮޑު ބަންދަކަށް ފަހު އަލުން ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ އަންނަ އާދިއްތަ ދުވަހުއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އުސޫލުތަކާ އެއްގޮތަށް މި ބަންދުތެރޭގައި ބޭންކުތައް ހުޅުވަން ކަނޑައަޅާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެކަންޏެވެ.
އީދު ބަންދާ ދިމާކޮށް މުސާރަ ލިބުން ލަސްވެފައިވާތީ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް، ފިނޭންސް މިނިސްޓްރީން ބުނީ ބޭންކުތައް ހުޅުވޭ އެންމެ އަވަސް ދުވަހަކުން ފެށިގެން މުސާރަ ޖަމާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.


