އަމިއްލަ އިސްނެގުމުގައި ދޭން ޖެހޭ ހުރިހާ މައުލޫމާތު ފުރަތަމަ ފަހަރަށް ސަރުކާރަކުން ހާމަކޮށްފި
ސައިފުﷲ އަލީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކެބިނެޓްގެ ވަޒީރުން - ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި
SHARE
މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވުޒާރާތަކުން ހާމަކުރަން ޖެހޭ މައުލޫމާތު ރައީސް އޮފީހާއި ސަރުކާރުގެ ވުޒާރާތައް ހިމެނޭހެން ފުރިހަމައަށް އާންމުކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހަސަން އާހިދު ރަޝީދު ވިދާޅުވެއްޖެއެވެ.

އާހިދު ވިދާޅުވީ މީގެ ކުރިން އެ މައުލޫމާތުން އާންމު ކޮށްފައިވަނީ އެންމެ 30 ޕަސެންޓު ކަމަށެވެ. ނަމަވެސް، މިއަދާ ހަމައަށް، ރައީސް އޮފީހާއިި 16 މިނިސްޓްރީން އާންމު ކުރަން ޖެހޭ މައުލޫމާތު ފުރިހަމައަށް ހާމަކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ވަނީ މި އަމާޒަށް ވާސިިލުވުމަށް ސަރުކާރުން ކުރި މަސައްކަތް ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ. ކުރިއަށް އޮތް ތަނުގައި މި މައުލޫމާތުތައް ގަވާއިދުން އަދާހަމަ ކުރުމަށާއި، މިނިސްޓްރީތަކުގެ ދަށުގައި ހުރި އިދާރާތަކުގެ މައުލޫމާތު ވެސް އެ ދަރަޖައަށް ހާމަކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ،
2014 ވަނަ އަހަރު އަމަލުކުރަން ފެށި މި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، މަދުވެގެން އަހަރަކު އެއްފަހަރު ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި ބައެއް މުހިންމު މައުލޫމާތުތައް ހާމަކުރަންޖެހެއެވެ. އޭގެ ތެރޭގައި އެ އިދާރާއެއްގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، އިދާރީ އޮނިގަނޑާއި، ރައްޔިތުންނަށް ސީދާ ގޮތެއްގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ ތަފުސީލުގެ އިތުރުން، ޝަކުވާ ހުށަހެޅޭނެ އުސޫލުތަކާއި ލިބިފައިވާ ޝަކުވާތަކުގެ ތަފުސީލުތައް ހިމެނެއެވެ.
ނަމަވެސް، މި ގާނޫނަށް އަމަލުކުރާތާ 12 ވަރަކަށް އަހަރު ވެގެންދިޔައިރުވެސް، އެއްވެސް ސަރުކާރެއްގައި މި ޒިންމާ އެދެވޭ ގޮތެއްގައި އަދާކޮށްފައިނުވާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިން ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން މީގެ ކުރިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، ހުރިހާ ވުޒާރާތަކާއި، ރައީސް އޮފީހުން އެ މައުލޫމާތު ހާމަ ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ބުނެފައެވެ. ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރައީސް އޮފީހާއި މިނިސްޓްރީތަކަށް މައުލޫމާތު ހޯދުމަށް ހުރަހަޅާފައިވާ އާރްޓީއައިތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
.png&w=3840&q=75)


