logo

2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވައިފި

ސައިފުﷲ އަލީ

18 ސެޕްޓެމްބަރު 2026 - 17:50
2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވައިފި

SHARE

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޓިކެޓްގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރިޔާސީ ޓިކެޓް އަރުވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކޮންގްރެސް ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރެއްވުން އޮތީ އެ ޕާޓީގެ މަތީ މަޖިލީސް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތު ބޭއްވީ ސެޕްޓެމްބަރު 17 ވަނަ ދުވަހު ބޭއްވި މަތީ މަޖިލީހުގެ ޚާއްޞަ ދަންފަޅީގައެވެ. ރައީސުލްޖުމްހޫރިއްޔާ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެދި ހުށަހެޅުނު ޤަރާރު ފާސްކޮށްފައިވަނީ ބައިވެރިވި 119 މެންބަރުންގެ އިއްތިފާޤުންނެވެ.

މަތީ މަޖިލީހަށް ހުށައެޅުނު ޤަރާރުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ކުރައްވަމުން އެގެންދަވާ ޤައުމީ މުހިންމު މަސައްކަތްޕުޅުތައް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި، ބޭރުގެ އަސްކަރީ ބާރުތައް ފަސްގަނޑުގައި ނެތްކަން ކަށަވަރުކުރައްވައި، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން ޒަމާނީ އަސްކަރީ ވަސީލަތްތަކާއެކު އިތުރުކުރައްވާފައިވާކަން ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

ޤައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އިޞްލާޙީ ފިޔަވަޅުތައް އަޅުއްވައި، ރައްޔިތުންނަށް އިތުރު ތަކުލީފެއް ނުޖައްސަވައި ދަރަނިތައް ޒިންމާދާރުކަމާއެކު އަދާކުރައްވަމުން ގެންދަވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

އިޤުތިޞާދު ސިންދަފާތުކުރުމާއި، ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ޒަމާނީކުރުމުގެ އިތުރުން "ޑިޖިޓަލް މޯލްޑިވްސް 2.0" ގެ ދަށުން ޓެކްނޮލޮޖީއާއި ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭ ތަޢާރަފުކުރުމުގެ މަސައްކަތް ޤަރާރުގައި ފާހަގަކުރިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދެވުމަށް ރަސްމާލެ ފަދަ ބިޔަ މަޝްރޫޢުތައް ފައްޓަވައި، އުމްރާނީ ތަރައްޤީ ލާމަރުކަޒީ އުޞޫލުން ފޯރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތައް ވެސް ވަނީ ފާހަގަކޮށްފައެވެ.

މަސްތުވާތަކެތީގެ ވަބާއާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށާއި، ޖިނާއީ ކުށްތައް ހުއްޓުވައި އަމާން ވެއްޓެއް ޤާއިމުކުރުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކަށް ޤަރާރުގައި އަލިއަޅުވާލާފައިވެއެވެ.

ތަޢުލީމީ ދާއިރާ ތަރައްޤީކުރުމާއި، އިސްލާމީ ޢަޤީދާއާއި ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ އިތުރުން، ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤްވާމީ މައިދާނުގައި ކުރައްވާ ވަކާލާތު ވެސް ޤަރާރުގައި ފާހަގަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނަވަމުންދާ ތަރައްޤީއާއި ހަމަޖެހުން ކުރިއަށް ގެންދިއުމަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ޙައްޤުވާކަމަށް ޕާޓީގެ މެންބަރުންނާއި ރައްޔިތުން ޤަބޫލުކުރާކަމަށް ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d