ޝަމްއާންގެ މައްސަލާގައި ނިންމުންތައް ބިނާކުރީ ހެކީގެ މައްޗަށް: ފުލުހުން
މިރާޝް މޫސާ
.jpeg&w=3840&q=75)
SHARE
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްސަލައިގައި ފުލުހުން ނިންމާފައިވާ ހުރިހާ ނިންމުމެއް ނިންމާފައިވަނީ ތަޙުޤީޤަށް ލިބުނު ހެކިތަކުގެ މައްޗަށް ބިނާކޮށްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

އޭނާގެ މައްޗަށް ތަޙުޤީޤު ހިންގީ ސިޔާސީ ނުފޫޒުން ކަމަށް ބުނެ ކުރާ ތުހުމަތުތައް ފުލުހުންނާއި ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.
ޝަމްޢާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ ކުރިން އޭނާ ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި، އޭނާ ފްރޭމްކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. މިގޮތުން، ދައުލަތުގެ އިސްވެރިންނާއި، ޚާއްޞަކޮށް ދާޚިލީ ވަޒީރު ޢަލީ އިޙުސާންގެ އަމުރަށް އޭނާގެ މައްޗަށް މައްސަލަ ހިންގާފައިވަނީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ވަކި ބަޔަކަށް ވިއްކާލުމާއި ބިދޭސީންގެ ކޯޓާ ވިއްކުމާ ދެކޮޅު ހެދުމުން ކަމަށް ޝަމްޢާން ވިދާޅުވިއެވެ. މީގެ އިތުރުން، މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާއަށް ގުޅުއްވިކަމަށާއި، އޭގެ ހެކި ފުލުހުންގެ ބެލުމުގެދަށުގައިވާ އޭނާގެ ފޯނުގައި ހުންނާނެ ކަމަށްވެސް ޝަމްޢާން ވަނީ ތުހުމަތުކުރައްވާފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަމްޢާންގެ ތަޙުޤީޤުގެ ހުރިހާ ނިންމުމެއް ނިންމާފައިވަނީ މިނިވަންކަމާއެކު، ޤާނޫނުތަކާއި އުޞޫލުތަކުގެ ތެރެއިން ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ކަމަށެވެ. އަދި ތަޙުޤީޤުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޝަމްޢާންގެ ފޯނުގެ ލޮކް ކޯޑު އޭނާ ދީފައިނުވާތީ، އެ ފޯނުގައިވާ މަޢުލޫމާތުތައް ބަލައި ތަޙުޤީޤުކުރުމުގެ ފުރުޞަތު ފުލުހުންނަށް ލިބިފައިނުވާކަން އެ މުއައްސަސާއިން ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ، ކޮރަޕްޝަންގެ އެއްވެސް މަޢުލޫމާތެއް ޝަމްޢާން ތަޙުޤީޤުގެ އެއްވެސް މަރުޙަލާއެއްގައި އަދި ކަމާބެހޭ އެހެން މުއައްސަސާއަކަށްވެސް ޙިއްޞާކޮށްފައިނުވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އިތުރުން، ސަރުކާރުންވެސް ވަނީ ޝަމްޢާންގެ ތުހުމަތުތައް ދޮގުކޮށްފައެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފާއި ބަންޑާރަނައިބު އަޙުމަދު އުޝާމް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިންނަށް ނިސްބަތްކޮށް ޝަމްޢާން ދެއްކެވި ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ.


.jpg&w=3840&q=75)
