ދިރިއުޅުމުގައި "ޕާފެކްޓް ޓައިމް"އަށް މަޑުކުރުމުގެ ނުރައްކާތެރިކަން!

ޢާލިމް އަބްދުއްލަތީފް

ދިރިއުޅުމުގައި "ޕާފެކްޓް ޓައިމް"އަށް މަޑުކޮށްގެން ހުރުމަކީ ނުރައްކާތެރިކަމެއް-- އޭއައި ޖެނެރޭޓެޑް ފޮޓޯއެއް
SHARE
ދިރިއުޅުމުގައި ވަރަށް ގިނަ މީހުން އެތައް އަހަރެއް ހޭދަކުރެއެވެ. އެންމެ ރަނގަޅު ފުރުސަތަށް އިންތިޒާރުކުރުމުގައެވެ. ގިނަ ފައިސާ ލިބޭނެ ދުވަހަކަށް އިންތިޒާރުކުރުމުގައެވެ. އަމިއްލަ ނަފްސަށް ކޮންފިޑެންސް ލިބޭނެ ދުވަހަކަށް އިންތިޒާރުކުރުމުގައެވެ. އެންމެ ރަނގަޅު ވަގުތަށް އިންތިޒާރު ކުރުމުގައެވެ.

އެކަމަކު, ހިތި ހަގީގަތެއް މިއަދު ކިޔައިދެން ހެއްޔެވެ. އެ "ޕާފެކްޓް ޓައިމް" ދުވަހަކު ވެސް ނާންނާނެއެވެ.
ދުނިޔޭގެ ތާރީހަށް ބަލާއިރު ކާމިޔާބު ގިނަ މީހުންނަކީ އެ މީހުން މުޅިން ތައްޔާރުވުމުން އެ މީހުންގެ ކާމިޔާބީގެ ދަތުރު ފެށި މީހުންނެއް ނޫނެވެ. އެ މީހުން އެ ދަތުރު ފެށީ އެ މީހުންނަށް ކަމެއް ފަހުމުވުމުންނެވެ. އެއީ ތާ އަބަދަށް މަޑުކޮށްގެން ހުރުމަކީ ނާކާމިޔާބުވުމަށްވުރެ ނުރައްކާތެރި ކަމެއްކަން ފަހުމު ވުމުންނެވެ.
ދިރިއުޅުމުގައި އަބަދުވެސް ރިސްކު އޮންނާނެއެވެ. ތިބާ ކުރާ ކޮންމެ ކުރަން ފެށި ކަމުގައި ވިޔަސް, އުނދަގޫ ބައިވަރު ކަންތައްތަކެއް ވެސް ހުންނާނެއެވެ. ކަމެއް ކުރަން ފެށުން ލަސްކުރާން ބޭނުންވާނަމަ އެ ލަސްކުރާނެ ސަބަބު އަބަދުވެސް ފެންނާނެއެވެެ.
ވިޔަފާރި ފަށަން ބޭނުންވާ މީހާ މަޑުކުރަނީ އޭނާއަށް އެންމެ ރަނގަޅު ބިޒްނަސް ޕްލޭން އެކުލަވައިލެވޭނޭ ދުވަހަކަށެވެ. މޮޅަށް ކިޔަވަން ބޭނުންވާ ދަރިވަރު މަޑުކުރަނީ އެންމެ ރަނގަޅު ސްޓަޑީ ޝެޑިއުލް އެކުލަވައިލެވޭނޭ ދުވަހަކަށެވެ. ލިޔުންތެރިޔާ މަޑުކުރަނީ އޭނާއަށް ހިޔާލުތައް އަންނާނެ ދުވަހަކަށެވެ. ހުވަފެން ދެކޭ މީހާ މަޑުކުރަނީ އޭނާއަށް ހިތްވަރު ލިބޭނޭ ދުވަހަކަށެވެ.
އެ އެންމެން އެހެން މަޑުކޮށްގެން ތިއްބާ, ވަގުތު އޭގެ ވާޖިބު އަދާކުރަމުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅާ އެ މީހުންގެ ހަޔާތުގެ ދުވަސްތައް މަދުކުރަމުން ދެއެވެ.
ހަގީގަތުގައި ކަމެއް ކުރާން ފެށުމަކީ އެންމެ ފުރަތަމަ އެ ކަން ކާމިޔާބުވުމަށް ޓަކައި އެޅޭނޭ ފިޔަވަޅެވެ. އެއީ ފަހަރުގައި އެންމެ ރަނގަޅަށް ފުރަތަމަ އެ ކަން ނުފެށުނު ކަމަށް ވިޔަސް މެއެވެެ.
ފުރަތަމަ ފަށާއިރު ކަންކަން ގޯހުންގޯހަށް ވެސް ހިނގައިދާނެއެވެ. ފަހަރުގައި ލިޔުންތެރިއަކު ލިޔާ ފުރަތަމަ އާޓިކަލް އެންމެ މޮޅު އާޓިކަލަށް ނުވެދާނެއެވެ. ވިޔަފާރިވެރިއެއްގެ ފުރަތަމަ ވިޔަފާރި ނާކާމިޔާބު ވެސް ވެދާނެއެވެ. ވާހަކަދެއްކުންތެރިއަކު ފުރަތަމަ ދޭ ތަގުރީރު އަޑުއެހުންތެރިންނަށް ކަމުނުގޮސްފާނެއެވެ.
އެކަމަކު, ހަނދާން ކުރާށެެވެ. ކޮންމެ ބޮޑު ކާމިޔާބީއެއް ވެސް ފެށެނީ ފުރަތަމަ އަޅާ ފިޔަވަޅާއެކުގައެވެ.
އަހަރުތަކެއް ފަހުން, އެތައް ބަޔަކު ހިތާމަކޮށްފާނެއެވެ. އެއީ މިއަދު އެ މީހުންނަށް ލިބުނު ފުރުސަތުތައް ނަގައިލެވުމުންނެވެ. ކަމެއް ކުރާން ފަށައިގެން އެ ހެދޭ ގޯސްތަކުގެ ސަބަބުން ވާ ދެރައަށްވުރެ, ދިރިއުޅުން އެ މީހުންނަށް ދޭ ފުރުސަތުތައް ނަގައިލައިފިނަމަ އެ މީހުން އެ ކަމާ މާ ބޮޑަށް ހިތާމަކުރާނެއެވެ.
ހަޔާތުގައި އަބަދުވެސް ކުރިއަށް ފިޔަވަޅު އަޅާން ދަސްކުރާށެވެ. ދިރިއުޅުމުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން އަބަދުވެސް ހިފާން އަޒުމު ކަނޑައަޅާށެވެ. އަބަދުވެސް އަމިއްލަ ނަފްސަށް އިތުބާރުކުރާށެވެ.
ދެން ފަހަރަކުން ހަޔާތުގައި ކަމެއް ކުރާން ބޭނުންވީމާ މިއީ "ޕާފެކްޓް ޓައިމް" ތޯ ހިތާ ސުވާލު ނުކުރާށެވެ. އަހާށެވެ. ތިމަންނާ ކާމިޔާބަށް ކުރާ ދަތުރުގެ ފުރަތަމަ ފިޔަވަޅު އަޅާން ތައްޔާރު ހެއްޔެވެ. ސަބަބަކީ, އެ "ޕާފެކްޓް ޓައިމް"އަށް މަޑުކުރާން ހުއްޓާ ވަގުތު ފާއިތުވެދާނެއެވެ.
އެ "ޕާފެކްޓް ޓައިމް"އަށް މަޑުކުރުން ނުރައްކާތެރި ކަމަކަށް ވަނީ އެހެންވެއެވެެ.


