އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު 25 އިންސައްތަ އިތުރުކުރަނީ
މިރާޝް މޫސާ

SHARE
ފަތުރުވެރިކަމުގެ ދަށް މޫސުމާ ދިމާކޮށް ވިޔަފާރިތަކަށާއި އާންމުންނަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށްޓަކައި، ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު 25 އިންސައްތަ އިތުރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. މި ފިޔަވަޅު ތަންފީޒުކުރަން ފަށާނީ 28 ޖޫން އިން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށެވެ.

މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި ނިންމުމަކީ ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީ ދަށްވާ ދުވަސްވަރު، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެޅި ވަގުތީ ފިޔަވަޅެކެވެ. މި ފިޔަވަޅުގެ ސަބަބުން ބޭންކިންގ ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަވެ، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އެމްއެމްއޭ އިން ބޭންކުތައް މެދުވެރިކޮށް ވިއްކާފައިވާ ބޭރު ފައިސާގެ މިންވަރު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 72 އިންސައްތަ އިތުރުވެފައެވެ. އެންމެ ބޮޑު ކުރިއެރުމެއް ފެނިފައިވަނީ ބޭސްފަރުވާއަށާއި ތައުލީމަށް ބޭނުންވާ ފައިސާގެ ބާވަތުންނެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ފުރަތަމަ ފަސް މަހާ އަޅާބަލާއިރު، މި އަހަރުގެ މި މުއްދަތުގައި އެ ދާއިރާތަކަށް ވިއްކި ބޭރު ފައިސާ ވަނީ 78 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ރާއްޖެއަށް ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމްއެމްއޭ އިން ވިއްކި ބޭރު ފައިސާގެ އަދަދު ވެސް ވަނީ 30 އިންސައްތަ އިތުރުވެފައެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެމް.އެމް.އޭ އިން ވަނީ ބޭރު ފައިސާގެ މާކެޓް ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރުމާއި، ގަވާއިދުތަކަށް ގެނައި ބަދަލުތަކާއި، އަދި ބޭރު ފައިސާ މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ. މި މަސައްކަތްތަކަކީ އިސްކަންދޭންޖެހޭ ދާއިރާތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭންކުތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

