ހިތަދޫގައި މަސްތުވާތަކެތީގެ ހިދުމަތްދޭ "މައިލޯސިޓީ" ބަންދުކޮށްފި
އައިޝަތު ހިދާޔާ

SHARE
އައްޑޫ ސިޓީ ހިތަދޫގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ގެއެއްކަމަށްވާ "މައިލޯ ސިޓީ" ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފިއެވެ.

މި އަމުރު ނެރެފައިވަނީ އިއްޔެއިން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މި އަމުރަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ތަނެއް ބަންދުކުރުމަށް އެ ކޯޓުން ނެރުނު ދެވަނަ އަމުރެވެ.
ފުލުހުން ބުނީ އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީ ކަމަށއވެ. އަދި އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫ އެރުމާއި ބަޔަކަށް ނުރައްކާ ކުރިމަތިވަމުން ދާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ފުލުހން ބުނީ, އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ވެސް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެ ގެއާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި މީހުން ރަހީނުކުރުމާއި ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތައް ކުރަމުންދާ ކަން ވެސް ފާހަގަކުރެވިފައިވާކަމަށެވެ.
އައްޑޫގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައި ވާއިރު, މި ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ބޮޑު އޮޕަރޭޝަން "އަލިމަގު"ގެ ދަށުން އައްޑޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ފަސް މީހަކު ހައްޔަރުކުރިއެވެ. މި މީހުން ހައްޔަރުކުރީ އައްޑޫގައި ޑްރަގް ވިޔަފާރި ހިންގާ ބޮޑުންކަމަށް ތުހުމަތުކޮށްފައެވެ.



