ހިމަބިހީގެ 23 ކޭސް މިދިިޔަ ހަފުތާގައި ފެނި, ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު 144ގައި
އައިޝަތު ހިދާޔާ

SHARE
މިދިޔަ ހަފުތާގައި 23 މިހުންނަށް ހިމަބިހި ޖެހިފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއާއެކު ހިމަބިހި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު 144އަށް އަރާފައި ވާކަމަށެވެ. ހިމަބިހި ފެތުރެނީ މާލޭ ސަރަހައްދުގައި ކަމަށް މީގެކުރިން އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މުޅި ރާއްޖޭގައި ފަށައިފައެވެ. އެޗްޕީއޭއިން ބުނީ, މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 7100 މީހުންނަށް ވެކްސިން ދެވިފައި ވާކަމަށެވެ.
ހިމަބިހި ރާއްޖޭގައި ފެތުރެންފަށައިފާ ވާއިރު މި ބަލީގައި އިއްޔެ ވަނީ ޒުވާނަކު މަރުވެފައެވެ. 24 އަހަރުގެ ޒުވާނާ މަރުވެފައި ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށެވެ.
ހިމަބިހި ކޮންޓްރޯލްކުރަން ކުރާ މަސައްކަތާ ގުޅިގެން ހެލްތް މިނިސްޓަރު ގީލާ އަލީއާ މީގެކުރިން ސުވާލުކުރުމުން މި ބަލި ކޮންޓްރޯލް ނުވާވަރަށް ނުފެތުރޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން, ރޯގާޖެހުން, ކެއްސުން, ލޯރަތްވުން އަދި ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.


