logo

ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ވެކްސިން ޑޯޒު ހަދިޔާކޮށްފި

އައިޝަތު ހިދާޔާ

8 ޖުލައި 2026 - 09:57
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ވެކްސިން ޑޯޒު ހަދިޔާކޮށްފި

SHARE

ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަނަލް ޗިލްޑްރަންސް އެމަޖަންސީ ފަންޑް (ޔުނިސެފް)އިން ރާއްޖެއަށް 28,000 މީސަލްސް އެންޑް ރުބެއްލާ ނުވަތަ ހިމަބިހި ވެކްސިން ޑޯޒު މިއަދު ހަދިޔާކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިކަމާ ގުޅިގެން މިއަދު ހެލްތް މިނިސްޓްރީން ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވެކްސިން ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ހެލްތް މިނިސްޓަރު ގީލާ އަލީއެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ގީލާ ވަނީ ރާއްޖޭގެ ފަރާތުން ޔުނިސެފަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތް ވަރުގަދަ ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުުރުމަށް އިތުރު ޓެކްޓްތައް ކުރިއަށް ގެންގޮސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ހިމަބިއްސާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ, ހިމަބިހި ފެތުރޭ މިންވަރު ވޭތުވެދިޔަ ދެ މަސްތަރޭ އިތުރުވީ ނަމަވެސް, މި ބަލި ކޮންޓްރޯލް ނުވާ މިންވަރަށް ފެތުރިފައި ނުވާކަމަށެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވި ނަމަވެސް, ހިމަބިހީގެ ކޭސްތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން, މިދިޔަ ހަފުތާގައި 55 މީހަކަށް ބަލި ޖެހިފައި ވެއެވެ. މިއާއެކު ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ ޖުމުލަ އަދަދު ވަނީ 121އަށް އަރާފައެވެ.

މި ބަލި ކޮންޓްރޯލް ކުރުމަށް މާލެއާއި އަތޮޅުތެރޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ވަނީ ފަށައިފައެވެ. އެގޮތުން މިހާތަނަށް 5495 މީހަކަށް ވެކްސިން ދެވިފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުންޏެވެ. ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައި ނުވާނަމަ ނުވަތަ ވެކްސިންގެ ދެ ޑޯޒު ހަމަކުރިކަން ޔަގީންނުވާނަމަ ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ގޮސް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މީގެއިތުރުން ބަލި ޖެހިފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވިކަން ޔަގީންވާނަމަ, ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތްކެއާ ސެންޓަރުން ކޮންޓެކްޓުންނަށް ވެކްސިން ޖަހަން ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ޖެހުމަށް ވެސް އެ އެޖެންސީން އިލްތިމާސްކުރެއެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން, ރޯގާޖެހުން, ކެއްސުން, ލޯރަތްވުން އަދި ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d