.jpg&w=3840&q=75)
SHARE
ސިހުރު ހެދުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފޭދުއަށް ނިސްބަތްވާ އުމުރުން 63 އަހަރުގެ ފިރިހެނެކެވެ. ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން، އެ މީހާ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ކޯޓަށް ހެކި ހުށަހަޅާފައެވެ.
ކޯޓަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، ހާދިސާ ރިޕޯޓުގެ އިތުރުން ފޮޓޯ ރިޕޯޓު ހިމެނެއެވެ. އެހެންކަމުން، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ރާއްޖޭގައި ސިހުރުގެ މައްސަލަތަކަކީ ޒަމާނުއްސުރެ އޮންނަ ބޮޑު ކަންބޮޑުވުމެކެވެ. ދާދި ފަހުން އިއްވި ހުކުރު ޚުތުބާގައިވެސް ވަނީ ސިހުރުގެ ނުބައިކަމާއި، އެއީ ޝިރުކުގެ އަމަލެއްކަން ހަނދާންކޮށްދީފައެވެ. މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައިވީ ނަމަވެސް، މިކަންކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ އެކަށީގެންވާ ގާނޫނުތަކާއި ވަސީލަތްތައް ނެތުމުގެ ދަތިކަން ތަހުގީގީ އިދާރާތަކަށް ވަނީ ކުރިމަތިވެފައެވެ.


