ހިދުމަތުގައި އުޅެނިކޮށް ދުނިޔެ ދޫކުރި ފުލުހުންގެ އަގުވަޒަން ކުރުމުގެ ދުވަސް ފާހަގަކޮށްފި
ފާތިމަތު މިޝްކާ
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޕޮލިސް މީޑިޔާ
SHARE
ގައުމީ ވާޖިބު އަދާކޮށް ފުލުހުންގެ ހިދުމަތުގައި އުޅުއްވަނިކޮށް ދުނިޔެ ދޫކުރެއްވި ފުލުހުންގެ އަގުވަޒަން ކުރާ ދުވަސް މިއަދު ފާހަގަކޮށްފި އެވެ.

ފުލުހުންގެ މަސައްކަތުގައި ދެމިތިއްބަވަނިކޮށް ވަކިވެދިޔަ ފުލުހުންގެ ހިދުމަތުގެ ހަނދާންތައް އާކޮށް، އެ ފުލުހުންގެ ޒިކުރާއާކުރުމަށްޓަކައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހަކީ “ޕޮލިސް މެމޯރިއަލް ޑޭ” ގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ފާހަގަކުރަމުންނެވެ.
މި ދުވަހަކީ އަމިއްލަ ނަފުސުގެ ސަލާމަތަށްވުރެ ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، ފުލުހުން ދައްކުވައިދީފައިވާ ހިތްވަރާއި، ނުގުޑާފަދަ ކެރުމާއި، މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރާ ދުވަހެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތުން ސިފަ ކުރެ އެވެ.
ހަމައެއާއެކު، މިއީ ވަކިވެދިޔަ ފުލުހުންގެ އާއިލާތަކާއި، ގާތް ރަހުމަތްތެރިންގެ އިތުރުން، އެކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ލިބިފައިވާ ފުން ހިތާމައިގައި ބައިވެރިވެ، އެ ބޭފުޅުންގެ ހިދުމަތާއި ގުރުބާނީ ދުވަހަކުވެސް ފަނޑުވިޔަ ނުދޭނެކަމުގެ ޔަގީންކަން އާކުރާ ދުވަހެކެވެ.
"ޕޮލިސް މެމޯރިއަލް ޑޭ"ގެ ގޮތުގައި ޖުލައި 23 ވަނަ ދުވަސް ކަނޑައެޅީ 2012 ވަނަ އަހަރުގެ މި ދުވަހު ކ. ކާށިދޫގައި ގޭބަންދުގެ އަމުރާ ހިލާފުވި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި، ޕޮލިސް ސަރޖަންޓް އާދަމް ޙަލީމް ވަނީ ޝަހީދުވުމާ ގުޅިގެންނެވެ. އެހެންކަމުން، ޖުލައި 23 ވަނަ ދުވަހަކީ ހިދުމަތުގައި ދެމިތިއްބަވަނިކޮށް ވަކިވެދިޔަ ހުރިހާ ފުލުހުންގެ ޒިކުރާއާކުރާ ރަސްމީ ދުވަހުގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން، ފުލުހުންގެ ހިދުމަތުގައި އުޅުއްވަނިކޮށް ނިޔާވި ފުލުހުންގެ ތެރޭގައި ހިމެނެނީ ޕޮލިސް ކޯޕްރަލް މިޞްބާޙް ޢަބްދުﷲ، ޕޮލިސް ކޮންސްޓަބަލް ޔޫސުފް ޟަމީރު، ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޒިމް، ޕޮލިސް ކޮންސްޓަބަލް އަޙްމަދު ވިފާޤް ހިމެނެ އެވެ. މީގެ އިތުރަށް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަދީމް، ޕޮލިސް ސަރޖަންޓް ޙުސައިން ޝަރީފް، ޕޮލިސް ސަރޖަންޓް ޝުޖާޢު ޢަދުނާން، ޕޮލިސް ސަރޖަންޓް އިސްމާޢީލް ރިޟާ، ޕޮލިސް ކޯޕްރަލް މުޙައްމަދު ޝާޠިރު، ޕޮލިސް ލާންސް ކޯޕްރަލް ޙަސަން އަޝްރަފް، ކޮންސްޓަބަލް ޢަބްދުލްބާސިޠު، ސާޖަންޓު ފާޠިމަތު ރިފާ، ކޮންސްޓަބަލް ޙުސައިން ޤައިސް، ސާޖަންޓު މުޙައްމަދު އަރުޝަދު އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ވެސް ހިމެނެ އެވެ.
މީގެ ތެރޭގައި އެންމެ ފަހުން ނިޔާވި އަޙްމަދު ޢާސިފް ނިޔާވީ، 2026 ޖޫން 11 ވަނަ ދުވަހު ޑިއުޓީގައި “ޕޮލިސް ލޯންޗު 57” ގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. މިއީ އަޙްމަދު ޢާސިފްގެ ހަނދާން މި ދުވަހުގެ ތެރެއިން އާކުރެވުނު ފުރަތަމަ ފަހަރެވެ.
ފުލުހުންގެ ހިދުމަތުން ބުނާ ގޮތުގައި މި ހުރިހާ ފުލުހުން ދުނިޔެ ދޫކުރެއްވި ހާލަތްތައް ތަފާތުވި ނަމަވެސް، އެ ފުލުހުން އާކޮށްދެނީ އެއް އަޒުމެއް ކަމަށާއި އެއީ ރައްޔިތުންނަށް ހިދުމަތްކުރުމުގެ މަތިވެރި އަޒުމުކަމަށް ބުނެފައިވެ އެވެ. އެ ފުލުހުންގެ ވާހަކަތަކަކީ ހަމައެކަނި ހިތާމަވެރި ހާދިސާތަކެއްގެ ވާހަކައެއް ނޫން ކަމަށާއި އެއީ ވަފާތެރިކަމާއި، ހިތްވަރާއި، އަހުލާގާއި، އޯގާތެރިކަމުގެ ވާހަކަތަކެއްކަމަށް ފުލުހުން ބުނެ އެވެ.
މިދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ސުކޫތެއް ގެނައުމުގެ އިތުރުން، އެ ބޭކަލުންގެ ފުރާނައަށް ހެޔޮ ދުޢާކުރުން ކުރިއަށް ގެންދިއުމާއެކު، މުޅި ރާއްޖޭގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ. މީގެ އިތުރުން، މާލެއާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގައި ހަނދާނީ ތަފާތު ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.


