ލުއިވާނެކަމަށް ބުނެ އުފެއްދުންތައް އިޝްތިހާރު ކުރުމަކީ މަނާކަމެއް: އެމްއެފްޑީއޭ
އައިޝަތު ހިދާޔާ

SHARE
ބަރުދަން ލުއިވާނެކަމަށްބުނެ ނުވަތަ ވަކި ބައްޔަކަށް ފަރުވާ ލިބޭނެކަމަށް ބުނެ ކާބޯތަކެތި ވިއްކުމަކީ މަނާކަމެއްކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ބުނެފިއެވެ.

އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ, ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ ގިނަ އުފެއްދުންތައް މާކެޓުކޮށް އެތަކެތި ބޭނުންކުރަން ހިތްވަރުދީ އެއާގުޅޭ މައުލޫމާތު އެކި މަންސަތަކުގައި ދައުރުކުރަމުންދާކަން އެ އިދާރާއަށް ފާހަގަ ކުރެވިފައި ވާކަމަށެވެ.
ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތުނުހިފޭ މައުލޫމާތު ހިމެނޭގޮތަށް މި ތަކެތި މާކެޓު ކުރުމަކީ އެ ބޭނުންކުރާ ފަރާތަށް މައުލޫމާތު އޮޅި ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމެއްކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. ވަކިން ހާއްސަކޮށް ދާއިމީ ބަލިތަކަށް ބެސްކުރާ މީހުންނަށާއި މާބަނޑު މީހުން އަދި ގާތުން ކިރުދޭ މައިންނަށް މީގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ބޮޑުކަން އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.
އެ އޮތޯރިޓީން ބުނީ,ކާބޯތަކެތި ވިއްކުމަށް އެކި މައުލޫމާތު ސޯޝަލް މީޑިއާގައި ޝާއިއުކޮށް ދައުރުކުރުމަކީ ކާބޯތަކެތި އިޝްތިހާރުކުރުމުގެ ގަވާއިދުގެ ދަށުން އިޝްތިހާރުކުުރުން ކަމުގައި ބެލެވޭނެ ކަމަށެވެ.
"މިގޮތުން ސިއްހަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ އެކިއެކި ބަލިބަލީގެ ފަރުވާއަށް ރަނގަޅުވާނެކަމަށް ދޭހަވާގޮތަށް ކާބޯތަކެތި އިޝްތިހާރުކުމަކީ މަނާކަމެއް. އަދި ކާބޯތަކެއްޗަކީ ވަކި ފެންވަރެއްގެ ނުވަތަ ވަކިނ ހާއްސަ ސިފައެއްގެ އެއްޗެއް ކަމަށް ދޭަވާގޮތަށް ހަގީގަތާ ހިލާފަށް ނުވަތަ ހަގީގަތް އޮޅޭގޮތަށް އިޘްތިހާރު ކުުރުމަކީ ވެސް މި ގަވާއިދުގެ ދަށުން.މަނާކަމެއް," އެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން އެމްއެފްޑީއޭއިން ބުނީ, ކާބޯތަކެތި އިޝްތިހާރު ކުުރުމުގެ ގަވާއިދާއެއްގޮތަށް ކާބޯތަކެތި އިޝްތިހާރު ކުރުމަށް އިލްތިމާސް ކުރާކަމަށެވެ.
ބަރުދަން ލުެިވާނެކަމަށް ބުނެ އެއްޗެހި ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރުމަކީ ދޭތެރެއަކުން ފެންމަތިވާ މައްސަލައެކެވެ.
.png&w=3840&q=75)

