ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުމުގެ ފުރުސަތު އޮތުމުން މިއަދު ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފި
އައިޝަތު ހިދާޔާ
.jpg&w=3840&q=75)
SHARE
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތުމުން މިއަދު ވެސް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓުން އިލްތިމާސްކޮށްފިއެވެ.

މެޓުން ބުނީ, މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އެ އިދާރައިން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ.
އަދި އެހެން ހިސަބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރިއެވެ.
މެޓުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެކަމަށެވެ. ނަމަވެސް, ވިލާގަނޑުގައި ކަނޑު ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ," މެޓުން ބުންޏެވެ.
މިދިޔަ އާދިއްތަ ދުވަހު ވަނީ މާލެއަށް ވަރަށް ބޮޑަށް އުދަ އަރައިފައެވެ. އުދަ އަރާ އެކި ސަރަހައްދުތަކުގައި ފެން ބޮޑުވުމުން ފެން ހިއްކުމަސް ސިފައިން ވެސް ވަނީ މަގުތަކުގައި ހަރަކާތްތެރި ވެފައެވެ.
މި ހާދިސާގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖަށާއި ރާޅުގަނޑު ސަރަހައްދަށެވެ. އިންޑަސްޓްރިއަލް ވިލެޖަށް އެރި ބާރުގަދަ ރާޅުތަކުގެ ސަބަބުން، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތައް ވެއްޓި ލޮނުގަނޑުގެ ތެރެއަށް ދިއުމުގެ ސަބަބުން އުޅަނދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން ރާޅުގަނޑު ސަރަހައްދުން ބޮޑުތަކުރުފާނު މަގަށް އުދައަރައި، މަގުމައްޗަށް ގަލާއި ވެލި ފެތުރިފައިވާތީ ދަތުރުފަތުރުކުރާ ފަރާތްތަކަށް ދަތިތަކަކާ ކުރިމަތިވިއެވެ.
