ފަލަސްތީނުގެ 60 މީހަކު މިނިވަންކޮށްފި، ބައެއް މީހުންނަށް ނުހިނގޭވަރަށް ވަނީ އަނިޔާކޮށްފައި
މިންހާ އަބްދުالله

އިސްރާއީލުން މިނިވަންކުރި ފަލަސްތީނުގެ ބައެއް ރައްޔިތުން/ ފޮޓޯ: އަހުމަދު ހަސަބުﷲ، ގެޓީ
SHARE
އިސްރާއީލުން ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ 60 މީހަކު މިނިވަންކޮށް ޣައްޒާއަށް ފޮނުވާލައިފި އެވެ.

މިއީ "ސީޒް ފަޔަރ" ނުވަތަ ހަމަލާތައް ހުއްޓާލަން އެއްބަސްވުމަށް ފަހު އެންމެ ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން އެއްފަހަރާ މިނިވަންކުރި ފަހަރެވެ.
އެ މީހުން އަނބުރާ ޣައްޒާއަށް ފޮނުވާލުމުން އެމީހުންނަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާކުރުމަށް އެންމެ ފުރަތަމަވެސް ގެންދިޔައީ ޚާން ޔޫނިސްގެ ހޮސްޕިޓަލަކަށެވެ.
އެ މީހުން މިނިވަންކުރިއިރު އެތައް އަނިޔާތަކެއް ދީ ބަލިކަށި ކޮށްލާފައިވާއިރު އެއިން ބައެއް މީހުންނަށް ހިނގުމަށް ވެސް ވަނީ ނުކުޅެދިފަ އެވެ. އަދި ބައެއް މީހުންނަށް އަމިއްލައަށް ހިނގާބިނގާވެ ނޫޅެވޭ ވަރަށް ހާލަތު ވަނީ ގޯސްވެފައެވެ.
އެ މީހުން ޣައްޒާއަށް ގެންދިޔައީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްގެ އެހީއާއެކުގަ އެވެ. އަދި ހޯމަ ދުވަހު އެ މީހުން ވަނީ ނަސެރް މެޑިކަލް ކޮމްޕްލެކްސްއަށް ގެންގޮސްފަ އެވެ. އެމީހުންނާ ބައްދަލުކުރުމަށް އެ މީހުންގެ އާއިލާތަކުގެ މީހުންނާއި މެޑިކަލް ޓީމުތަކުން އެ ހޮސްޕިޓަލަށް ޖަމާވެފައިވެ އެވެ.
އިސްރާއީލުން މިނިވަންކުރި ފަލަސްތީނުގެ ބައެއް ރައްޔިތުން/ ފޮޓޯ: އަހުމަދު ހަސަބުﷲ، ގެޓީ
އިސްރާއީލުގެ ހިއުމަން ރައިޓްސް ގްރޫޕެއް ކަމަށްވާ "ހަމޮކެޑް" އިން ހާމަކުރާ ގޮތުގައި، "ޣައިރު ގާނޫނީ ހަނގުރާމަވެރިން" ގެ ގޮތުގައި އިސްރާއީލުން ޣައްޒާގެ 1,300 އެއްހާ މީހުން ހިފަހައްޓާފައިވެއެވެ. އިސްރާއީލުން ބުނާ ގޮތުގައި މިމީހުން ދޫކޮށްލީ ސުވާލުކޮށް ތަހުގީގު ކުރުމަށްފަހު، އެމީހުންގެ ފަރާތުން ސަލާމަތީ ނުރައްކަލެއް ނެތްކަން ކަށަވަރުވުމުންނެވެ.
ޣައްޒާގައި ހުންނަ އަލްޖަޒީރާގެ ރިޕޯޓަރާ ހަވާލާދީ އެ ނޫހުގައި ޝާއިއުކޮށްފައިވާ ގޮތުގައި މި މިނިވަންކުރެވުނު މީހުންނަކީ 2023 އޮކްޓޫބަރު 7 ގެ ކުރިން އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި އުޅެމުންދިޔަ މީހުންނެވެ. މިހާރު ޣައްޒާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ މިނިވަންވި މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ހޯދުމަށް ދަތިވެ އެމީހުންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވެ އެވެ.
މިނިވަންވި މީހުންގެ ތެރޭގައި ހިމެނޭ އަބްދުﷲ ކިލާނީ ބުނި ގޮތުގައި، އޭނާ ހައްޔަރުކުރީ 2024 ގެ ޑިސެމްބަރު މަހު ޣައްޒާގެ މެދުތެރޭގައި އޮންނަ ޞަލާޙުއްދީން މަގުންނެވެ. 18 މަހަށްވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ހުރިއިރު، އޭނާއާއި އޭނާގެ އިތުރުން އެހެން މީހުން ގަޔަށް ވެސް ބަޑިޖަހާފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.
މިނިވަންވި ބައެއް މީހުން ކިޔައިދީފައިވާ ގޮތުގައި މުސްކުޅިންނާއި މެދު ވެސް އަމަލުތައް ބަހައްޓަނީ ޒުވާނުންނާ އެއްގޮތަކަށެވެ. އަނިޔާ ދިނުމުގައި މުސްކުޅިއަކަށް ވީތީ ބެލުމެއް ނޯންނަކަމަށް އެމީހުން ކިޔައިދީފައިވެ އެވެ. އަދި އެމީހުން އުޅުނު ހާލު ދުލުން ބޭރުކުރާ ބަހަކުން ކިޔައިދޭން ނޭންގޭނެ ކަމަށާއި އިސްރާއީލުގެ އަތް ދަށުގައި މިހާރު ތިބި ފަލަސްތީނުގެ ރައްޔިތުން ތިބީ ނުރައްކަލުގައި ކަމަށް އެމީހުން ކިޔައިދީފައިވެ އެވެ.

.jpg&w=3840&q=75)
