އިސްރާއީލުން ހިފާފައިވާ ސަރަހައްދުގައި ހައުސިން ޔުނިޓު އެޅުމަށް ބީލަމަށް ހުޅުވާލައިފި
ފާތިމަތު މިޝްކާ

ޣައްޒާގެ ރައްޔިތުން އަމިއްލަ ގެދޮރު ދޫކޮށް ދިޔުމަށް އިސްރާއީލުން މަޖުބޫރުކޮށް އެތައް ހަމަލާތަކެއް ދީފައިވޭ
SHARE
ފަލަސްތީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ގަވާއިދާ ހިލާފަށް ހަދާފައިވާ ކޮޗާވް ޔާކޯވް ސަރަހައްދުގައި އިތުރު 627 ހައުސިންގ ޔުނިޓް އެޅުމަށް އިސްރާއީލުގެ ކަމާބެހޭ އިދާރާތަކުން ބީލަމަށް ހުޅުވާލައިފިއެވެ.

ކޮޗާވް ޔާކޯވް އާބާދީއަކީ ގުދުސްގެ އުތުރާއި، ރާމަﷲ އަދި އަލްބީރޭގެ ދެމެދުގައި، އިސްރާއީލުން "ބިންޔާމިން" ގެ ނަމުގައި ހިންގާ އާބާދުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.
މިކަން ހާމަކޮށްފައިވަނީ ފަލަސްތީނުގެ 'ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަން' (ސީއާރްއާރްސީ) އިންނެވެ.
އެ ކޮމިޝަނުން ހާމަކުރި ގޮތުގައި، ރާމަﷲ އާއި އަލްބީރޭ ގަވަރުނަރޭޓްގެ ބިންތަކުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ބީލަމަށް އިސްރާއީލް ލޭންޑް އޮތޯރިޓީން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އިސްރާއީލުގެ މި ނިންމުން ވަރަށް ބޮޑަށް ކުށްވެރިކޮށް ސީއާރްއާރްސީއިން ބުނީ މި މަޝްރޫއަކީ ގުދުސް އަދި ފަލަސްތީނުގެ އެހެން ސަރަހައްދުތަކާ ދެމެދު އޮތް ގުޅުން ކަނޑުވާލައި އިތުރަށް އެކަހެރިކޮށްލުމެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ ގާތްގަނޑަކަށް 25.37 ހެކްޓަރުގެގެ ބިމެއްގައެވެ. މި މަޝްރޫއު އިސްރާއީލުން ފާސްކޮށްފައިވަނީ 27 އޭޕްރީލް 2025 ގައެވެ.
ސީއާރްއާރްސީ ގެ ރިޕޯޓްތައް ދައްކާގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް އިސްރާއީލުން ވަނީ ގަވާއިދާ ހިލާފަށް 12 ބީލަމެއް ހުޅުވާލާފައެވެ. މީގެ ތެރޭގައި މައިގަނޑު ފަސް އާބާދީއެއްގައި ހިމެނޭ 1,138 ހައުސިންގ ޔުނިޓުގެ އިތުރުން، ސިނާއީ ސަރަހައްދުތަކާއި، އޮފީސްތަކާއި، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކާއި ފަތުރުވެރިކަމުގެ ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.
.jpg&w=3840&q=75)
