logo

ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ

ސައިފުﷲ އަލީ

9 އޯގަސްޓު 2026 - 05:20
 ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ

SHARE

ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ "ފްރެންޑްސް 4" ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ހޯދުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިދިޔަ ބުދަ ދުވަހުގެ ރޭ ދިޔަވެގެން އަޑިއަށް ދިޔަ އެ ދޯނިން ގެއްލިގެން ހޯދަމުންދަނީ ކައްޕި މުހައްމަދު ހަމްދޫނާއި، އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދު އަދި ފުލުސް އޮފިސަރު އަލީ ނާފިއުއެވެ. ދޯނި ދިޔަވަމުންދިޔަ ވަގުތު އޭގައި ތިބި އަށް މީހުންގެ ތެރެއިން ކައްޕި ފިޔަވައި އެހެން އެންމެން ވަނީ ސަލާމަތްވެފައެވެ.

ގެއްލުނު ފުލުހާއި ސިފައިންގެ މީހާ ކަނޑަށް ގެއްލުނީ، ދިޔަވަމުންދިޔަ އުޅަނދު ސަލާމަތްކުރުމަށްޓަކައި ދިޔަ ހިއްކުމުގެ މަސައްކަތުގައި އުޅެނިކޮށް އެރި ރާޅަކާއެކު ދޯނި އަރިއަޅާލުމުގެ ސަބަބުންނެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އެ ދޯނި ބަންޑުން ޖަހާލާފައިވަނީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރުން، ގާތްގަނޑަކަށް 1,645 މީޓަރު ނުވަތަ 5,489 ފޫޓު ފުން ސަރަހައްދަކަށެވެ. އެހާ ފުން ސަރަހައްދެއްގައި ދޯނި އޮތުމުގެ ސަބަބުން އެ އުޅަނދު މައްޗަށް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ގެއްލުނު މީހުން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަނުގައި ވައިގެމަގުން 5,212 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އަދި ކަނޑުމަގުން 1,070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލި ނަމަވެސް، އަދިވެސް އެ މީހުންގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެންމެ އިސްކަމެއް ދީގެން ކުރަމުންދަނީ އެ މީހުން ހޯދުމުގެ މަސައްކަތް ކަމަށެވެ. އަދި މި އޮޕަރޭޝަނަށް ބޭނުންވާ އިތުރު ފަންނީ އެއްބާރުލުން ހޯދުމަށާއި އަޑިއަށް ދިޔަ އުޅަނދާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ބައިވެރިންނާއެކު މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ވަނީ ޔަގީންކަން ދީފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d