ނޭޕާލްގައި ހިނގި ފެންބޮޑުވުމުގައި އެހީ ބޭނުންވާ ދިވެއްސަކު ހުރިނަމަ އެންގުމަށް ފޮރިން މިނިސްޓްރީން އެދިއްޖެ
ސައިފުﷲ އަލީ
.png&w=3840&q=75)
SHARE

ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ބޭނުންވާ އެއްވެސް ދިވެހި ރައްޔިތަކު ހުރިނަމަ އެކަން އެންގުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިޢުލާނެއް މެދުވެރިކޮށް އެދިއްޖެއެވެ.
މި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގަން މެދުވެރިވީ ހިމާލަޔާ ފަރުބަދަތަކުގެ އުސް ސަރަހައްދަކުން ސްނޯ ފަރުބަދައެއް ނުވަތަ ގްލޭޝިއާއެއް ކަނޑައިގެން ގޮސް ވެއްޓުމާ ގުޅިގެންނެވެ. އެ ހާދިސާއާ ގުޅޭ މައުލޫމާތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް މިނިސްޓްރީން ވަނީ މައުލޫމާތު ސާފުކޮށްފައެވެ. އެ ބެލިބެލުމުން ނޭޕާލުގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މި ހާދިސާގައި އަސަރުކޮށްފައި ނުވާކަން ވަނީ ކަށަވަރުވެފައެވެ.
މީގެއިތުރުން ފެންބޮޑުވުމުގެ ހާދިސާ ހިނގި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމުގެ މައުލޫމާތެއްވެސް މިހާތަނަށް ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެ ސަރަހައްދުގައި އުޅޭ ދިވެހިން ނުވަތަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީއަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ނަމަވެސް، މި ހާދިސާއާ ގުޅިގެން ނޭޕާލްގައި ތިބި އެއްވެސް ދިވެހި ރައްޔިތަކު އެހީތެރިކަމެއް ބޭނުންވާނަމަ ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 9607983400+ ގުޅުމަށް ނުވަތަ އީމެއިލް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ހިމާލަޔާގެ ބޯޑަރު ސަރަހައްދުގައި ހިނގި މި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ގްލޭޝިއާ ވެއްޓި ކަނޑައިގެން ދިޔުމުގެ ސަބަބުން ކުއްލިއަކަށް ފެންބޮޑުވެ، ގިނަ އަދަދެއްގެ މީހުން މަރުވެ އަދި ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

.png&w=3840&q=75)
