ޝިޔާމަށް ކުރެއްވުމަށް ހުށަހެޅުއްވި ސުވާލުތަކުގެ މަސައްކަތް ނިމިފައި އޮތުމުން އައްބާސް ވިދާޅުވީ މަސްވެރިން ތިބީ އުފަލުން ފޮޅިފައިކަމަށް
މިންހާ އަބްދުالله

މިނިސްޓަރު ޝިޔާމް މަޖިލީހުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް
SHARE
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ކުރެއްވުމަށް ހުށަހެޅުއްވި ދެ ސުވާލުގެ މަސައްކަތް ވެސް ނިމި އެ މަސައްކަތްތަކުގެ ފަސޭހަތައް މަސްވެރިންނަށް ކުރަމުންދާތީ ސުވާލުތައް ނުކުރައްވައި މިނިސްޓަރަށް އައްބާސް ތައުރީފް ކުރައްވައިފި އެވެ.

މިނިސްޓަރު ޝިޔާމަށް އައްބާސް ކުރެއްވުމަށް ހުށަހެޅުއްވި ދެ ސުވާލުގައި ވަނީ ނ. ވެލިދޫގައި ސްޕޯޓްސް ކަނދުފަތި މި އަހަރު އަޅުއްވައިދެއްވާނެކަމަށް ވިދާޅުވެފައިވީ ނަމަވެސް އެކަން ފެށިފައިނުވާތީ އާއި ނ. ޅޮހީގެ އައިސްޕްލާންޓުގެ އޮޕަރޭޝަން ހުއްޓިފައި ހުންނަތާ 2 އަހަރު ވެފައިވާއިރު އެކަމަށް ހައްލެއް ގެނެސްދެވިފައި ނުވާތީ ކުރާ ސުވާލެވެ.
އެހެންނަމަވެސް ސުވާލު ކުރެއްވުމަށް ރިޔާސަތުން ފުރުސަތު ދިނުމުން އައްބާސް ވަނީ ފުރަތަމަ ސުވާލާއި ދެވަނަ ސުވާލު ކުރުމުގެ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށް ވިދާޅުވެފަ އެވެ. އެއީ އެ ދެ މަސައްކަތް ވެސް ނިމި މިހާރު އެތަނުގެ ފައިދާ ކުރަމުން ދާތީ ކަމަށް އައްބާސް ވިދާޅުވި އެވެ.
އެހެންނަމަވެސް ޅޮހީ އައިސްޕްލާންޓުގެ ކެޕޭސިޓީ އިތުރުކޮށްދެއްވައިފިނަމަ އެކަމުގެ ނަފާ ވަރަށް ގިނަ ގޮތުން ކުރާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
ޝިޔާމްގެ މަސައްކަތަށް ތައުރީފްކުރައްވައި އައްބާސް ވަނީ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރެއްވުމަށް މިނިސްޓަރު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ޝުކުރު އަދާކުރައްވާފަ އެވެ.
"މަސްވެރިން ތިބީ އުފަލުން ފޮޅިފައި،" އައްބާސް ވިދާޅުވި އެވެ.
އައްބާސްގެ މި ވާހަކަތަކާއެކު މަޖިލީހުގެ ތަޅުމުގައި ތިއްބެވި މެމްބަރުން ވަނީ އެކަން ފާހަގަކުރައްވައި ޝިޔާމަށް ތަރުހީބު ދެއްވުމަށް އަތްތިލަ ބަޑި ޖެއްސެވި އެވެ.


