ފުރަތަމަ ހަ މަސް ތެރޭ އެވްރެޖުކޮށް މަހަކު ސިވިލް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް 18 މައްސަލަ ހުށަހެޅުނު
ފާތިމަތު މިޝްކާ

ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކު
SHARE
މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ ކޮންމެ މަހަކު އެވްރެޖުކޮށް ސިވިލް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް 18 މައްސަލަ ހުށަހެޅިފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކު ވިދާޅުވެއްޖެ އެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރުންނަށް ހުވާލައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުސްނީ ވިދާޅުވީ ކޯޓުތަކުގައި ފަނޑިޔާރުން މަދުވުމަކީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުން ލަސްވާ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.
ޖޭއެސްސީއިން މި ދެކޯޓަށް ފަނޑިޔާރުން އިތުރުކުރުމަށް ނިންމި ސަބަބަކީވެސް އެއީ ކަމަށް ހުސްނީ ވިދާޅުވި އެވެ.
ހުސްނީ ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ އެކަނިވެސް ސިވިލް ކޯޓަށް 1913 މައްސަލަ ހުށަހަޅާފައިވާކަމަށެވެ. އެއީ ކޯޓުގައި ތިއްބަވާ 17 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ފަނޑިޔާރަކަށް އެވްރެޖުކޮށް މަހަކު 18 މައްސަލަކަމަށް ހުސްނީ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓަށް މި އަހަރުގެ ފުރަތަމަ ހަ މަހު 1098 މައްސަލަ ހުށަހެޅިފައިވާކަން ފާހަގަކުރައްވައި ހުސްނީ ވިދާޅުވީ އެއީ ކޯޓުގައި ތިއްބެވި 13 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ފަނޑިޔާރަކަށް މަހަކު އެވްރެޖުކޮށް 15 މައްސަލަކަމަށް ވިދާޅުވި އެވެ.
ސިވިލް ކޯޓުގައި މިވަގުތު 3218 މައްސަލަ ނުނިމި އޮތްއިރު ކްރިމިނަލް ކޯޓުގައި 1،626 މައްސަލަ ނުނިމި އޮތްކަން ހުސްނީ ފާހަގަކުރެއްވި އެވެ.
ހުސްނީގެ ވާހަކަފުޅުގައި ޝަރުއީ ދާއިރާއަށް އޮތް އިތުބާރު ހިފެހެއްޓުމަށް މަސައްކަތްކުރެއްވުމަށް ފަނޑިޔާރުގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
.jpg&w=3840&q=75)

