ޝާހިދު ރިޔާސީ ކެމްޕޭން ފައްޓަވައި ޕާޓީގެ ރައީސްކަމާ ދުރަށް
ސައިފުﷲ އަލީ

SHARE
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރެއްވުމަށްޓަކައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި އިއުލާން ކުރައްވައިފިއެވެ.

މި އިއުލާނާއެކު އޭނާ ވަނީ އެމްޑީޕީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން އެތެރޭގެ އިންތިޚާބެއްގައި ވާދަކުރެއްވުމަކީ އިންސާފުވެރި އަދި އެންމެ ހަމަހަމަ ގޮތް ކަމަށް ގަބޫލުފުޅު ނުކުރެއްވޭތީ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ، އޭނާއަކީ ގައުމުގެ ލާބަޔާއި މަސްލަހަތު އިސްކޮށް، އިންސާފާއި ހަމަހަމަ ފުރުސަތުތަކެއް ގާއިމުކޮށްދީ ސާދާވެރިކަމެއް ކޮށްދެއްވާނެ ބޭފުޅެއް ކަމަށެވެ. މީގެއިތުރުން ވެރިކަން ކުރައްވާނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ އާންމު މެންބަރުންގެ ވޯޓާއި ތާއީދަށް އެދިވަޑައިގަންނަވަމުން ޝާހިދު ވަނީ އޭނާއަކީ ހުރިހާ ފިކުރެއްގެ މީހުން ގޮވައިގެން އުޅެވޭނެ އަދި އުޅޭނެ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.


