އިސްކަންދެނީ ގައުމީ ޚިދުމަތަށް، މީޑިއާގައި އާންމުވި ފޯނުކޯލުގެ މައްސަލަ ބަލާނަން: ސްޓެލްކޯ
މިރާޝް މޫސާ
.jpg&w=3840&q=75)
ސްޓެލްކޯގެ މައި އޮފީސް ---
SHARE
ސްޓެލްކޯގެ އެޗްއާރު ޑިޕާޓްމެންޓުގެ މުވައްޒަފަކަށް ޓީވީ ޕްރޮގްރާމެއްގައި ގުޅާ، ވާހަކަދެއްކި މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިިޔަވަޅެއް އަޅާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއަދު މީޑިއާގައި އާންމުވެފައި ވަނީ ލައިވް ޓީވީ ޕްރޮގްރާމެއްގައި ސްޓެލްކޯގެ އެޗްއާރުގެ ނަންބަރަށް ކަމަށް ބުނެ ކުރާ ފޯންކޯލެކެވެ. އެ ކޯލުގައި ދެއްކި ވާހަކަތަކާއެކު، އެ ކުންފުނީގެ މުވައްޒަފުންގެ ސިޔާސީ ޕާޓީ ބަދަލުކުރުވުމަށް މަޖުބޫރު ކުރުވަމުން އަންނަ ކަމަށް އެ ޕްރޮގުރާމުގައި ތުހުމަތުކޮށްފައިވެއެވެ.
މިކަމުގެ ރައްދުގައި ސްޓެލްކޯއިން މިއަދު އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އެ ކުންފުންޏަކީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ ބޮޑު އެއް ޒިންމާ އަދާކުރަމުންދާ މުއައްސަސާ ކަމަށެވެ. އެހެންކަމުން، ކުންފުނީގެ ވަސީލަތްތަކާއި، ވަގުތު އަބަދުވެސް ހޭދަކުރާނީ އެ މަސައްކަތުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކުންފުނިން ބުނީ މިއަދު އާންމުވި ފޯންކޯލުގެ މައްސަލައިގައި ތުހުމަތުކުރެވޭ މުވައްޒަފެއް ވަޒީފާއިން އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ނެގުމުގައި ސިޔާސީ ފިކުރަށް ބަލާކަމަށާއި، އަދި މުވައްޒަފުންނަށް ޕާޓީ ބަދަލުކުރަން މަޖުބޫރުކުރުވާ ކަމަށް ބުނާ ވާހަކަތައް އެ ކުންފުނިތަކުން އަންނަނީ ދޮގު ކުރަމުންނެވެ.
.jpeg&w=3840&q=75)
