އިގްތިސާދީގޮތުން ބާރުވެރިކުރުވުމަށް އަންހެނުންނަށް ހާއްސަކޮށްގެން ށ އަތޮޅުގައި ޕްރޮގްރާމްތަކެއް
ފާތިމަތު މިޝްކާ

SHARE
އަންހެނުން އިޤްތިޞާދީ އަދި މާލީ ގޮތުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަޝްވަރާތަކާއި ބައްދަލުވުންތަކެއް ށ އަތޮޅުގައި ކުރިއަށް ގެންދިޔުމަށް ހަމަޖައްސައިފި އެވެ.

މި ބައްދަލުވުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮގްރާމުގެ މަޤްސަދަކީ ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަދި އަލަށް ވިޔަފާރިއަށް ނިކުންނަ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހުރި ފުރުޞަތުތަކާއި، ބޭނުންވާ ތަމްރީނުތަކުގެ އިތުރުން ލިބެންހުރި ވަސީލަތްތައް ދެނެގަނެ، އަންހެނުންގެ އިޤްތިސާދީ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކުރުމެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި ސީދާ ބައްދަލުކޮށް، ރަށުގެ އިޤްތިސާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރެވިދާނެ ޢަމަލީ ކަންކަން ދެނެގަތުމަށް މި މަޝްރޫއުގެ ދަށުން މަސައްކަތްކުރާނެއެވެ.
މި މަޝްވަރާތައް އަރިއަތޮޅު ދެކުނުބުރީގެ 10 ރަށެއްގައި ކުރިއަށްދާނެއެވެ. އެއީ، 19 ސެޕްޓެންބަރުގައި ފޯކައިދޫ، 20 ސެޕްޓެންބަރުގައި ގޮއިދޫ އަދި ކަނޑިތީމު، 21 ސެޕްޓެންބަރުގައި ފީވައް އަދި މިލަންދޫ، 22 ސެޕްޓެންބަރުގައި ށ ފޭދޫ އަދި ފުނަދޫ، 23 ސެޕްޓެމްބަރުގައި މާއުނގޫދޫ އަދި ކޮމަންޑޫ އަދި 24 ސެޕްޓެމްބަރުގައި ޅައިމަގުގައެވެ.
މިއީ އަންހެނުންގެ ތަޖުރިބާތަކާއި، ޚިޔާލުތައް އަދި ހުށަހެޅުންތައް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކުރެ އެވެ. މި ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުތަކުގެ އެހީގައި، ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަންހެނުންގެ ޙާލަތާ ގުޅޭ، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލެވޭނެ ކަމަށް އެ ވުޒާރާއިން ހާމަ ކުރެ އެވެ.
މިއީ މި މަޝްރޫޢުގެ ދަށުން މި ޕްރޮގްރާމް ހިންގާ ފަސް ވަނަ އަތޮޅެވެ. މިއަދާ ހަމައަށް މި ޕްރޮގްރާމްގެ ދަށުން ސިލްސިލާ ބައްދަލުވުންތައް ވަނީ، ލ.އަތޮޅު ފުވައްމުލަކު ސިޓީ އައްޑޫ ސިޓީ އަދި އދ އަތޮޅުގައި ކުރިއަށް ގެންގޮސްފައެވެ.
މި މަޝްވަރާތަކުގައި ބައިވެރިވުމަށް https://forms.gle/QwC2tf4aCx5dEgPW9 މި ލިންކު މެދުވެރިކޮށް ފޯމު ފުރުމަށް މިނިސްޓްރީއިން ވަނީ އެދިފަ އެވެ.

