މިދިޔަ ސަރުކާރުން ފެނަކަ "މިސް ޔޫސް" ކޮށްފައިވާތީ ފެނަކަ އުވާލަނީ، އާރުޑީސީ ވެސް އުވާލާނެ
މިންހާ އަބްދުالله

SHARE
އަތޮޅު ތެރޭގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މަޝްރޫއުތައް ހިންގުމަށް އުފެއްދި ކުންފުނި "ފެނަކަ" އުވައިލުމަށް ނިންމައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރައްވައި ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ފެނަކަ ވަރަށް ބޮޑަށް "މިސް ޔޫސް" ކޮށްފައިވާކަން ނުވަތަ ކުންފުނީގެ ނާޖައިޒު ފައިދާ ނަގާފައިވާކަން އޮޑިޓު ރިޕޯޓުން ފާހަގަވެފައިވާ ކަމަށެވެ.
ފެނަކައިގެ ހިންގުން ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެކަމެއް ނޫންކަމަށް ފަންނީ ބޭފުޅުން ލަފާ ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުން ވަރަށް ފުންކޮށް މިކަމާއި މެދު ވިސްނައި މަޝްވަރާކުރުމަށް ފަހު ނިންމާފައި މިވަނީ ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލަން،" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން ކުންފުނި އުވައިލުމުގެ މަސައްކަތް ނިމުމަށްފަހު މުޅި ރާއްޖެއަށް ހިދުމަތް ފޯރުކޮށްދެމުންދާނީ ސްޓެލްކޯއިން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފެނަކައިގެ ހުރިހާ މަސައްކަތެއް ސްޓެލްކޯއަށް ބަދަލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އާރްޑީސީ ވެސް އުވާލައި އާރްޑީސީގެ ހުރިހާ މަސައްކަތެއްވެސް އެމްޓީސީސީއާ ހަވާލުކުރާނެކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރުގެ ހަރަދުކުޑަކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރު ކުންފުނިތަކުން މީހުން މަދު ކުރުމުގެ މަސައްކަތް ކުރުމަށް ޕީސީބީއިން ކުންފުނިތަކަށް މީގެ ކުރިން ވަނީ އަންގާފަ އެވެ.
.png&w=3840&q=75)


