މާލޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެ: ރައީސް
ސައިފުﷲ އަލީ

SHARE
މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއެއްގައި، މި ބަނދަރުގެ ޚިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މަޝްރޫޢު ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ މިހާތަނަށް ކުރިއަށްދިޔަ މަސައްކަތްތަކާއި މުޅި މަޝްރޫޢުގެ މަރުޙަލާތައް ބެހިފައިވާ ގޮތުގެ އަދާހަމަ ބައްލަވާލައްވާފައެވެ.
މި ޒިޔާރަތް ކުރެއްވީ ތިލަފުށީގައި ތަރައްޤީކުރާ އައު ވިޔަފާރި ބަނދަރުގެ ސަރަޙައްދަށެވެ. އެމަނިކުފާނު ވިދާޅުވީ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާމެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
މިހާރު މާލޭގައި އޮތް ވިޔަފާރި ބަނދަރަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދާ މިންވަރަށް އެކަށީގެންވާ ބަނދަރެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށްދާއިރު، އިޤްތިޞާދީ ފުޅާވުމަށް މަގުފަހިކުރުމަށްޓަކައި ޒަމާނީ ބޮޑު ބަނދަރެއް ތަރައްޤީކުރުން ނުހަނު މުހިންމެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު އެގާރައިގެ ނިޔަލަށް، ބަނދަރުގެ އެންމެހާ ޚިދުމަތްތައް ތިލަފުއްޓަށް މުޅިން ބަދަލުކުރުމެވެ. މީގެއިތުރުން ބަނދަރުގެ ބައެއް މަސައްކަތްތައް މާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަޙައްދަށް ބަދަލުކުރާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އައު ބަނދަރާއެކު ޕޯޓުގެ ޚިދުމަތްތައް ހަތަރު ގުނައަށް ފުޅާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ މުޅި އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް ކުރެވޭ މުހިންމު ފުރުޞަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އުފެއްދުންތެރިކަން މައްޗަށް ގެންދިއުމަށާއި ވިޔަފާރިތައް ކުރިއެރުވުމަށް އެންމެ މުހިންމު މަޝްރޫޢު ކަމަށް ރައީސް ވިދާޅުވިއެވެ. ކަމާގުޅޭ ވުޒާރާތަކާއި ކުންފުނިތަކުގެ އިތުރުން ބޭރުގެ ފަރާތްތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ޕޯޓުގައި މިވަގުތު ކުރިއަށްދަނީ އެތެރޭގެ އުޅަނދުފަހަރަށް ޚާއްޞަ މަގަތު ފާލަމުގެ މަސައްކަތެވެ. އެ މަސައްކަތް ނިންމައި މި މަހުގެ ފަހުކޮޅު އެ ފާލަމުން ޚިދުމަތް ދޭން ފަށާނެއެވެ.
މި ޒިޔާރަތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި، ސަރުކާރުގެ އެހެން ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ހުސައިން ޝަފީޤާއި، ބައިނަލްއަޤްވާމީ މަގަތު ފާލަމުގެ މަސައްކަތް ކުރާ ޗައިނާގެ ކުންފުނީގެ މަންދޫބުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


