
SHARE
އިސްކޮޅާ އެއްވަރުގެ ބޮޑު ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރުވަމުންދިޔަ ޒުވާނާގެ އަތްމަތީގައި ވީ ހަލުވިކަން ފެނި ތަނަކަށް ދާން ލަސްވެގެން އުޅެނީކަން ބަލައިލި ކޮންމެ މީހަކަށްވެސް އެނގޭހާވެއެވެ. އިރުއިރުކޮޅާ މޭޒުމަތީގައި އޮތް އަތުކުރި ގަޑިއަށް ބަލަމުން ތައްޔާރުވެ ނިމިގެން ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނުކުމެގެން ދިޔައީ އަތުގައި ހުރި ސާމާނުތަކުގެ ތެރޭގައި މުހިންމު އެއްވެސް އެއްޗެއް މަދުވެފައިވޭތޯ ބަލަމުންނެވެ. ހިތުލަފައަށް ހިނގަމުންދިޔަ އެ ޒުވާނާއަށް ކުއްލި ސިހުމެއް ލިބުނީ ގޭތެރެއިން މީހެއްގެ ހިލަމެއް ވުމެއްނެތި ކުއްލިއަކަށް މީހަކު އޭނާއަށް ގޮވާލި އަޑު އިވިފައެވެ.

"ސައިބޮއެގެން އިނގޭ ދާނީ ދަރިފުޅާ!" ލޯތްބާއެކު ގޮވާލި މަންމަގެ އަޑު އިވިފައި އޭނާގެ މޫނުމަތިން ފަސްޖެހުމުގެ އަސަރެއް ވެރިވިއެވެ. ނަމަވެސް ހާސްކަމާއެކު އަތުކުރީގައި އޮތް ގަޑިއަށް ބަލައިލެވުނީ އިންތިހާއަށް ލަސްވެފައި ވުމުންނެވެ.
"މަންމާ! ވަރަށް ވަރަށް ވަރަށް ލަސްވެގެން މި އުޅެނީ! މިއަދު ހަމަ އެއްގޮތަކަށްވެސް ނެތް މަޑުކުރެވޭކަށް! އެކަމަކު މެންދުރު ކާން ގެއަށް އަންނާނަން އިނގޭ! މިއަދު ލަސްވެއްޖިއްޔާ މަގޭ މަރު!" ކިތަންމެ ލަސްވަމުންދިޔަ ނަމަވެސް ލޯބިވާ މަންމަ ގަޔާ ކައިރިކޮށްލުމަށްފަހު ބޮލުގައި ބޮސްދީފައި ނިކަން ލޯބިން އެ ޒުވާނާ ބުނެލިއެވެ.
"ބަލައިގެން ދުއްވާފައި އިނގޭ ދާނީ! ލަސްވެގެން ދިޔަޔަސް މާ ބާރަށް ދާން ހަދައިގެން އަނިޔާގަނޑެއް ވެއްޖިއްޔާ ވަކި އަވަހެއްވެސް ނުވާނެ!" އެޒުވާނާ ނުކުންނަން ދޮރާއި ދިމާލަށް ދާންފެށުމުން މަންމަ ބުނެލިއެވެ.
"ލައްބަ މަންމާ! އަޅުގަނޑު ބަލައިގެންނޭ ދާނީ! މާ ހާސްނުވޭ! ކޮކީ! ދޮންބެ ދަނީ! މަންމަ ބުނާ ބަސްއަހައްޗޭ އިނގޭ!" ނުކުންނަން ދަމުން ސިޓިންރޫމުގެ މެދުގައި ކުޅޭ ސާމާނުތައް އަތުރާލާއިގެން ކުޅެން އިން ދެއަހަރަށްދާ ކުޑަ ކުއްޖާއަށް ބުނެލާފައި ނުކުމެގެން ސިޑިން ފައިބައިގެން ދިޔައީ ވިދާލި ވިދުވަރެއް ފަދައިންނެވެ.
.png&w=3840&q=75)
ސިޑީގެ އެންމެ ފަހު ހަރުފަތް ގިރާކޮށްލުމަށްފަހު ބޯމަތީގައި ބައިންދާލާފައި އިން އަވިއައިނު ނަގައި ލޮލަށް ހެޔޮވަރުކޮށްލައި ހިނގައިގަތްއިރު ހާސްވެފައި ހުރި ކަމުގެ މާ ބޮޑު އަސަރެއް ފެންނާކަށް ނެތެވެ. މަގު ހުރަސްކޮށް ގޮސް ޕާކުކޮށްލެވިފައިވީ ސައިކަލަށް އަރައި އަވަހަށް ދުއްވާލީ ގަޑިނުޖެހެނީސް އަވަހަށް ދެވޭތޯ ހިތާހިތުން ދުޢާކޮށްލަމުންނެވެ.
މާލޭގެ ކާރޫބާރޫބޮޑު މަގުތަކުގެ ތެރެއިން ފުރޭނިގަނެގެން ކަހަލަ ގޮތަކަށް ދުއްވަމުންގޮސް ބޮޑުތަކުރުފާނު މަގަށް އަޅައި ސްޕީޑަށް ހިފާލުމާއިއެކު ޖެހެމުންދިޔަ މަޑު ވައިރޯޅިއާއިއެކު އެ ޒުވާނާގެ ފަން އިސްތަށިގަނޑު ވިހުރިލީ ހިތްގައިމު ގޮތަކަށެވެ. ތާރުއެޅި މަގުގައި ފަރިތަކަމާއެކު ދުއްވާފައި ގޮސް މަންޒިލާ ހަމައަށް ވާސިލްވެވުމުން އަވަސް ގޮތަކަށް ސައިކަލު ޕާކުކޮށްފައި ނިކަން ހަރުކޮށް ހިނގައިގަތީ އަތުކުރީގައި އޮތް ގަޑިއަށް އަވަސް ނަޒަރެއް ހިންގާލަމުންނެވެ.
"މިއޮއް އައީ!" ކާޑުޖަހާލާފައި ރަނގަޅަށް އެނބުރިނުލެވި އުޅެނިކޮށް އިވުނު އަޑެއްގެ ސަބަބުން އެ ޒުވާނާގެ ގާތަށް ޒާތެއްގެ ހިންޏެއްވެސް އައެވެ.
"ދެން އިނގޭ ދޯ މިއަދު ތަނެއް ފަޅާފައިވެސް މަ އަންނާނެކަން! ތިމީހުން ހަމަ ކަންތައް ބޮޑުކޮށްލަނީއޭ ތި." އަޑު އައި ދިމާލަށް އެނބުރިލައި ހެވިފައިހުރެ އެ ޒުވާނާ ރައްދުދިނެވެ.

"ހަމަހުވާ ކަލެއާ ހެދި އަހަރުން އަދި މޮޔަވާނެ! ސަރ އަންނައިރު އެކަކު މަދުވިޔަސް މި މަސް ނިމޭއިރުވެސް އަހަރުމެންނަށް ހަމަ ނޭވާއެއް ނުލެވޭނެކަން ކަލެއަށް ނޭނގެނީތަ މޭން؟" އަތުގައި ހުރި ފައިލުތަކުގެ ތެރެއިން އެއްބައިން އެ ޒުވާނާގެ މޭގައި ޖަހާލަމުން ވާހަކަދެއްކީ ކުރިންވެސް ވާހަކަދެއްކި އަޑުގެ ވެރިޔާއެވެ.
"ލިއުޒާއަށް ގުޅަން ހިނގާބަލަ މި ރިޝްވާނަށް މިއަދު ކޯއްޗެއްތޯ ކާންދީފައި ފޮނުވީ ބަލަން! ލަސްވަނީއޭ ކިޔާފައި އަދިވެސް މިތާނގައި އަހަރުން ބަހައްޓައިގެން މަގޭ ތަޙުޤީޤުކުރަން މީނަ މި އުޅެނީ. ތަޙުޤީޤުކުރަން މިހާރުވެސް ހުރި މައްސަލަތައް މަދުވެގެނެއް ނޫން ވިއްޔާ މި އުޅެނީ." ރިޝްވާނުގެ ކޮނޑަށް އެއް އަތް ވައްޓާލައި ދަމަމުން ކަހަލަ ގޮތަކަށް އޭނާ ގޮވައިގެން ހިނގައިގަތްއިރު އެ ޒުވާނާ ވާހަކަދެއްކީ ރިޝްވާނާއިއެކު ދެން އެތަނުގައި ތިބި މީހުންނަށެވެ.
އިނގިރޭސި ބަހުން ހިތްގައިމު ފަރުމާއަކަށް ބޮޑު އަކުރުން "މީޓިންގ ރޫމް 3" ޖަހާފައިވީ މާޙައުލަށް 5 މީހުން އެކީގައި ގޮސް ވަދެގެން ދިޔައިރު ހުނުމުގެ އަޑު ކެނޑިގެން ނުދެއެވެ. އެންމެން އެއްބަސް ކިޔައިގެން އުޅޭ ފަދައިން ރިޝްވާނާއި ދިމާކޮށްލައިގެން ތިބިއިރު މުހިންމު ބައްދަލުވުމަކަށް އެއްވެފައި ތިބި ބަޔަކަށްވުރެ ބޮޑަށް ސިފަވެގެންދިޔައީ އެތައް ދުވަހަކަށްފަހު ބައްދަލުވެގެން އުޅޭ ފުރާވަރުގެ ކުދިބައެއް ހެންނެވެ.
ސަކަރާތަށް ގޮސް ހުސްވެފައި ތިބި ފަސް މީހުންގެ އަޑު ކުއްލިއަކަށް ކެނޑިގެން ދިޔައީ މީޓިންގ ރޫމުގެ ދޮރު ހުޅުވާލި އަޑު އިވިފައެވެ. މޫނުމައްޗަށް ސީރިއަސްކަން ގެނެސް އެންމެން އެއްފަހަރާ ކޮޅަށް ތެދުވީ ވެރިޔާއަށް އިޙުތިރާމު އަދާކުރުމުގެ ގޮތުންނެވެ. މޭޒުކައިރީގައި ހަމަޖެހިލައި އިޝާރާތްކޮށްލުމާއިއެކު އެންމެން އިށީނދެ ހަމަޖެހިލުމުން ވެރިޔާގެ އިރުޝާދާއިއެކު ބައްދަލުވުން ފެށިގެން ދިއުމުން ފެނިގެން ދިޔަ މަންޒަރު ވަރަށްވެސް ތަފާތެވެ.
ދެގަޑިއިރެއްހާއިރަށް ދެމިގެންދިޔަ ބައްދަލުވުން ނިންމާލުމަށްފަހު އެންމެން ނުކުމެގެން އައިއިރު އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ތަފާތު ހިނިތުންވުމެކެވެ. އޮލަ ވާހަކައިގައި ތިބެ އެންމެން ނުކުމެގެން ދިޔައިރު ބޮޑު ކަމެއް ނިންމާލެވުނު ފަދަ އުފާވެރިކަމެއް އެންމެންގެ ކިބައިންވެސް ފެންނަމުން ދިޔައެވެ.
"ދެން މިކަން ނިންމާލަން މާ ލަސްވާނެ ހެނެއް މަށަކަށް ހިޔެއް ނުވޭ! އަހަރުން ބޭނުންވި ހުރިހާ ހުއްދަތަކެއް މި ލިބުނީ! މަސައްކަތްތައް ހުއްޓެންވީ އިތުރު ސަބަބެއް މިވަގުތަކު ނެތް!" އެންމެން އެކީ އެމީހެއްގެ މޭޒުކައިރިއަށް އައިސް އިށީނދެލިތަނާ ރިޝްވާނު ބުނެލިއިރު އޭނާގެ އަޑުންވެސް ހިތްހަމަޖެހިފައިވީ މިންވަރު ރަނގަޅަށް ހާމަވެއެވެ.
"ލަސްނުކޮށް ޕްލޭންގެ ދެން އޮތް ބައި ކުރިއަށް ގެންދަން ފަށަންވީ. މިއޮއް ހުރިހާ ދުވަހަކުވެސް ވަރަށް މަސައްކަތުން ކަންތައް ގޯސްވިޔަ ނުދީ މިހާ ވަރަށްވެސް މި ހިފަހައްޓާލެވުނީ. އަވަސްކުރި ވަރަކަށް އަހަރުމެންނަށްވެސް ކަންތައް ފަސޭހަވާނީ!" ގޮނޑީގައި އިށީނދެލަމުން އެ ޒުވާނާ ބުނެލިއިރު ހިތްހަމަޖެހިފައި ހުރި ނަމަވެސް މޫނުމަތިން ހިސާބެއްގެ ސީރިއަސްކަމެއްވެސް ފާޅުވާން ހުއްޓެވެ.
"ރަނގަޅު ވާހަކައެއް! އެހެންވީމަ ފިޒާންގެ އިރުޝާދާ އެއްގޮތަށް ކުރިއަށްދާން އެންމެން ތައްޔާރުވޭ! މިއަދު މީ އަންގާރަ ދޯ! ޒާން! މަ ބޭނުން އަޕްޑޭޓެއް މާދަން ޑިއުޓީ ނިމެންވާއިރަށް. ޕްލޭނާ އެއްކޮށް. ދެން ކުރިއަށް ގެންދަން ވިސްނާ ގޮތަށް. އޭރުން ބުރާސްފަތި ދުވަހު އެންމެން ކުޑަކޮށް ވާހަކަ ދައްކާލާފައި އަންނަ ހަފްތާ ފެށޭއިރަށް ފުލް ސްޕީޑުގައި މިކަން ކުރިއަށް ގެންދެވޭ ވަރަށް ކަންކަން ނިންމާލެވޭނެ!" ފަހަރަކު މީހަކާއި ދިމާލަށް ބަލަމުން އެންމެންނަށް އިޝާރާތްކޮށް ރިޝްވާން މުޚާތަބުކުރިއެވެ.
"މައްސަލައެއް ނެތް! މާދަން މަ ބްރޭކަށް ދިއުމުގެ ކުރިން ރިޝްވާނަށް ޕްލޭން ގެންގޮސްދޭނަން!" ފިޒާން، އާދެ! އެ ޒުވާނާ ރިޝްވާނަށް ޖަވާބުދިން އިރު އެ އަޑުގައި ޔަޤީންކަން ވިއެވެ.
"އޯކޭ! މަ މި ދިޔައީ އިނގޭ ބްރޭކަށް އެހެންވީމައި. ސަރ އެ ކީ ހުރިހާ އެއްޗެއް ޕްރޮސެސް ވީމައި ދެން މަށަށް އިތުރު ކަމެއް ވާނީ. އަންނާނަން ކޮފީއަކަށް އަރާފައި." މޭޒުގައި ހުރި ކޮމްޕިއުޓަރ ސިސްޓަމްގެ މޮނީޓަރު ނިންވާލުމަށްފަހު ތެދުވަމުން އައިކު ބުނެލިއެވެ.
"އޭ އައިކު ކަލޭ ނުގެއްލޭތި ތިހެން ކިޔާފައި. ކުރިން ދުވަހުވެސް ސަރ ހުރީ ގޮވާވަރުވެފައި ކަލެއާ ހަދާ. އެންމެފަހުން އަހަރުން އެންމެނަށް ހަސްކާ އައީ!" ރިޝްވާނު އައިކުއާ ދިމާލަށް ބުނެލިއިރު އެ އަޑުގައިވީ ހިތްހަމަނުޖެހުން އެކަކަށްވެސް ސިއްރެއް ނުވިއެވެ.
"އޭ ދެން މަގޭ މައްސަލައެއް ނޫން ދޯ! ސަރއަށްވެސް މަ ހޯދަން އުޅެން އެނގުނީ މަ ލަސްވި ހަމައެކަނި ދުވަހު ވިއްޔާ!" ރިޝްވާނުގެ ބުރަކަށީގައި ޖަހާލާފައި އައިކު ބުނެލިގޮތުން އޭނާ އެކަން މާ ބޮޑު ކަމަކަށް ނުހަދާކަން އެންމެނަށްވެސް އެނގުނެވެ.
"ރަނގަޅޭ! ތި ނޫނެކޭއެއް ނޫނޭ! އެކަމަކު ސަރ ވެސް ހިތްހަމަނުޖެހުނީ ކީއްވެކަން އައިކުއަށްވެސް އެނގެއެއްނު؟ ދެން މިގަޑީގައި އެވާހަކަ ދެއްކުމުގެ ބޭނުމެއްވެސް ނެތް! ދޭ ބްރޭކަށް! އެކަމަކު ގަޑިއެއްގެ އިރަށްވުރެ ލަސްނުވާތި!" ރިޝްވާނަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ނަވީން އަވަސް އަވަހަށް ވާހަކަދެއްވީ އިތުރަށް މައްސަލަ ގޯސްވެދާނެތީއެވެ.
"ނަވީން! ފަޒީލް! ތި ދެމީހުން ވެގެން މި ކޭސްގެ ޕްރޮގްރެސް މިހާތަނަށް ގޮއްސަ އޮތް މިންވަރު ބަލާ! އެންމެ ފަހުން ކޭސް ހޯލްޑަށް ލީ ފަހުން އައިއްސަ ހުރި ބަދަލުތަކުގެ ރިޕޯޓެއްވެސް މަ ބޭނުން މިއަދު ޑިއުޓީ ނިމުމުގެ ކުރިން. ދެމީހުން ބޭނުން ގޮތަކަށް ޓާސްކު ބަހާލާ. ކުޑަމީހާ ސްކޫލަށް ލާން ދާން މަ އެބަ ޖެހޭ. މަވެސް ބްރޭކެއް މި ނަގަނީ މިގަޑިގައި އެހެންވީމައި. ތި މީހުންވެސް ނޭވާއެއް ލައިގެން ކަންތައް ކުރާތި!" އަވަސް ގޮތަކަށް ދެންވެސް ހުރި މަސައްކަތްތައް ހަވާލުކޮށްލާފައި ރިޝްވާނުވެސް ނުކުމެގެން ދިޔައީއެވެ.
8 ގަޑިއިރުގެ ޑިއުޓީއަށްފަހު މަސައްކަތްތައް ނިންމާލާފައި ފިޒާން ނުކުތްއިރު އުޑުމަތީގައި ރަތްވިލާގެ އަސަރުތައް ރަސްކަންކުރަމުންދިޔައެވެ. ސައިކަލަށް އަރައި ހަމަޖެހިލުމަށްފަހު ސްޕީޑަށް ހިފާލައި ފަރިތަކަމާއިއެކު ދުއްވާލައި އޭނާގެ މިސްރާބު ބެހެއްޓީ ގެއާއި ދިމާލަށެވެ. ވަރުބަލިކަމާއެކު ސިޑިން އަރައިގެން އައި އިރު ޖީބުގައި އޮތް ފޯނު ވައިބްރޭޓުވަމުންދިޔަކަމުގެ ކުޑަވެސް ހިލަމެއް އޭނާއަކަށް ނުވިއެވެ.
ކީކާޑު ޖައްސާލައި ދޮރު ހުޅުވާލިއިރު އޭނާއަށް ކުއްލި ޙައިރާންކަމެއް ލިބުނީ ގޭތެރެއިން އުންމީދުނުކުރާ މޫނެއް ފެނުމުންނެވެ. ވެފައިހުރި ވަރުބަލިކަމުގެ އަސަރު ފިލައި އެ މޫނުމައްޗަށް ހިނިތުންވުމުގެ އަސަރު ވެރިވާން ނެގީ މަދު ސިކުންތުކޮޅެކެވެ.
"ދޮނާ!" ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކާމޭޒު ކައިރީގައި ހުރި އޭނާގެ ދޮންތަގެ ގައިގައި ފިޒާން ބައްދާލިއެވެ.
"ސާބަހޭ! ފިރޫ ކޮއްކޮއަށްވުރެ މީނަ އަދިވެސް ކުޑަ ދޯ! ފެންވަރަން ދޭބަލަ ތި އިހަށް!" ކޮއްކޮގެ ގައިގައި ބައްދާލުމާއިއެކީގައި ބުރަކަށީގައި ޖަހާލަމުން ފިޒާ ބުނެލިއެވެ.
"އުހުން! ދެން ފެންވަރައިގެން އަންނަންވާއިރަށް ދޮނާ ފިލާނެ. އިރުކޮޅަކުން ދާނީ!" ބޮޑާހާކާލާ ޒާތަކަށް ފިޒާން ބުނެލިއިރު އޭނާއެކޭ ކުޑަކުއްޖެކޭ ތަފާތެއް ނެތެވެ.
"ދޮނާ މިރެއޭ ދާނީ. މިކޮޅުން ޑިނަރ ނަގައިގެން. ދެން ދޭ ފެންވަރަން. ދޮނާބެވެސް އަންނާނެ ޢިޝާކޮށްގެން ކާން!" ފިޒާންގެ ގައިން އަތް ދޫކޮށްލާފައި ގަޔާ ދުރުކޮށްލަމުން ފިޒާ ބުނެލިއެވެ.
"15 މިނެޓު! އެބަ އަންނަން!" ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއާ ދިމާލަށް ދިޔަ ފިޒާން އެވަރުންވެސް ދިޔައީ ޓީވީ ބަލަން އިން ފިރާޒްގެ ބޮލާ ކުޅެލާފައެވެ.
ކޮޓަރިއަށް ވަން ގޮތަށް ޖީބުތަކުގައި ހުރި ހުރިހާ އެއްޗެއް ނަގައި ރީތިވާ މޭޒުމަތީގައި ބެހެއްޓުމަށްފަހު ދާވަށިގަނޑަށް ޔުނީފޯމް ލާފައި އަވަސް އަވަހަށް ފާޚާނާއަށް ވަނެވެ. ކުޑަގޮތަކަށް ތާޒާވެލައިގެން ނުކުމެވުނު އިރު ފޯނުން ބަންގީގެ އަޑު ނުކެނޑި ހުރުމުން އަވަސް ގޮތަކަށް ތައްޔާރުވެލައިގެން މިސްކިތަށް ދިޔައިރުވެސް ފޯނު ބަލައިލާކަށް އޭނާގެ ސިކުނޑިއަކު ނެތެވެ. ކުޑަމިނުން ފޯނު ހިފައިގެން ދާންވެސް އޭނާއަށް ހަނދާނެއް ނުވިއެވެ.
*******(ނުނިމޭ)*******