
SHARE
ކޮޓަރިއަށް ވަން ގޮތަށް ޖީބުތަކުގައި ހުރި ހުރިހާ އެއްޗެއް ނަގައި ރީތިވާ މޭޒުމަތީގައި ބެހެއްޓުމަށްފަހު ދާވަށިގަނޑަށް ޔުނީފޯމް ލާފައި އަވަސް އަވަހަށް ފާޚާނާއަށް ވަނެވެ. ކުޑަގޮތަކަށް ތާޒާވެލައިގެން ނުކުމެވުނު އިރު ފޯނުން ބަންގީގެ އަޑު ނުކެނޑި ހުރުމުން އަވަސް ގޮތަކަށް ތައްޔާރުވެލައިގެން މިސްކިތަށް ދިޔައިރުވެސް ފޯނު ބަލައިލާކަށް އޭނާގެ ސިކުނޑިއަކު ނެތެވެ. ކުޑަމިނުން ފޯނު ހިފައިގެން ދާންވެސް އޭނާއަށް ހަނދާނެއް ނުވިއެވެ.

މަޣްރިބު ނަމާދު ކޮށްލުމަށްފަހު މަޑުމަޑުން ފައިބައިގެން އައިސް ގެއަށް ވަތް އިރު ބަދިގޭގައި މަންމައާއި އެކު ފިޒާ ޙަރަކާތްތެރިވަމުން ދިޔައިރު ދުރުނޫން ހިސާބެއްގައި ކުރަހަން ގެންގުޅޭ ފޮތް ހިފައިގެން ފިރާޒްވެސް އިނެވެ. ފިޒާން ފެނުނުހާއިރުން އިން ތަނުން ތެދުވެގެން އައިސް ދެއަތް ދިއްކޮށްލީ އުރާލުމަށް އެދިއެވެ.
ލުއި ހިނިތުންވުމަކާއިއެކު ފިރާޒް އެދުނު ފަދައިން އުރާލައިގެން ފިރާޒް ގޮވައިގެން އައިސް ކުޅެން އިން ތަނުން ކުޅޭ އެއްޗެހިތައް ނަގައި ތަން ހަމައަކަށް އަޅުވައިލީ އެކުއްޖާގެ ވެސް ބައިވެރިވުމާއި އެކީގައެވެ.
ބަދިގޭގައި ވަރުބަލިކަމެއްނެތި ޙަރަކާތްތެރިވަމުން ދިޔަ ދޮންތައާއި މަންމަގެ އޮލަ ވާހަކައިގައި ބައިވެރިވަމުން ކުޑަކުޑަ ފިރާޒްއާއި ސަކަރާތް ޖަހަމުން ދިޔަ ފިޒާންއަށް ގަޑިން ވީ އިރެއްގެ ހލަމެއްވީ މިސްކިތުން ޢިޝާ ނަމާދަށްބަންގި ގޮވަން ފެށި އަޑު އިވިފައެވެ ޖަމާޢަތުގައި ވަގުތުން ވަގުތަށް ނަމާދުކުރަން އާދާވެފައިވީ ފިޒާންއަށް އިތުރު ކަމެއް އެވަގުތަކު މުހިއްމެއް ނުވިއެވެ. އުނގުގައި އިން ފިރާޒް ނަގައި ސޯފާގައި ބައިންދާލުމަށްފަހު ބަސްއަހައިގެން އިންނަން ބުނެފައި ފިޒާން މިސްރާބު ޖެހީ މިސްކިތާއި ދިމާލަށެވެ.
ވިއްސަކަށް މިނެޓު ފަހުން މިސްކިތުން ފައިބައިގެން މަގަށް ނުކުމެވުނު އިރު ފޮނި އެއްޗަކަށް ހިނީގެ ބައިގަނޑެއް އަރައިގަނެގެން އުޅޭފަދައެވެ. އެމީހަކަށް ދެވުނު ގޮތަކަށްއެމީހެއްގެ މަންޒިލާއި ހަމައަށް ވާޞިލްވުމަށް މިސްރާބު ޖަހާފައި ތިބި މީހުންނާއިގެން މުޅި މަގުމަތި ވީ ތޮއްޖެހިފައެވެ. ކާރުބާރުބޮޑު މަގުގައި ފުރޭނިގަނެގެން ކަހަލަ ފޮތަކަށް ދުއްވަމުންދިޔަ ސައިކަލުތައް ގުނާ ޢަދަދުނުކުރެވޭހާ ގިނައެވެ. މާތް ރަސްކަލާނގެއާއި ވަކީލުކޮށްލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ގެއާއި ދިމާލަށް މިސްރާބުޖެހީ އޭނާގެ އިންތިޒާރުގައި މަންމައާއި ދޮންތަ މިހާރު އިންނާނެތީއެވެ.
.png&w=3840&q=75)
ގެއަށް އައިސް ވަތް ފިޒާންގެ މޫނުމައްޗަށް ނުތަނަވަސްކަމެއް ވެރިވީ އެކީގައި އަނދިރކޮށްލެވި، މަރުފަދަ ހަމަހިމޭންކަން ވެރިވެފައިވާ ގެއެއް އޭނާއަށް މަރުޙަބާ ކިއުމުންނެވެ. ނިދަން ވަތް ނަމަވެސް އެއްވެސް އިރެއްގައި އެކީ އަނދިރިކޮށްފައި ނޯންނަ ގޭތެރޭގައި ހުރިހާ ބޮތްކެއް ނިއްވާލާފާއިވީ ތަން ފެނުން ވީ ފިޒާންގެ ހިތުގައި އެއްފަހަރާ އެތައް ސުވާލެއް އުފެއްދި ކަމަށެވެ.
ވިސްނުންތެރިކަމާއި ފަރުވާތެރިކަމާއެކު އޭނާ މަޑުމަޑުން ގޭތެރެއަށް ފިޔަވަޅު އެޅީ ނުހަނު ސަމާލުވެ ހުރެއެވެ. އަލިކަމަށް ބޭނުންވެފައި ހުރެ ޖީބުގައި އަތް ޖައްސައިލީ ފޯނުގެ އެހީތެރިކަން ހޯދުމުގެ ނިޔަތުގައި ނަމަވެސް ޙާލަތު އޭނާއާއި އެއްބައެއް ނުވިއެވެ. ފެންވަރަން ވަތް އިރު ކޮޓަރީގައި ފޯނު ބޭއްވި ގޮތަށް .ނުނެގޭކަންވެސް އޭނާއަށް ހަނދާން ވީ އަދި ކިރިޔާއެވެ
މަޑުމަޑުން ފިޔަވަޅުތައް އަޅަމުން ކުރިއަށްދިޔަ ފިޒާންއަށް ކުއްލި ސިހުމެއް ލިބުނީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި ތަންކޮޅެއް ބާރަށް އަތް ބާއްވައިލުމުންނެވެ. ލިބުނު ކުއްޖާ ސިހުމާއިއެކު ފަހަތަށް އެނބުރިލެވުމާއި ގޭތެރެ އަލިވުމާއި ކުއްލި ހަޅޭކެއްގެ އަޑު އިވުމާއި ހުރިހާ ކަމެއް ވެގެން ދިޔައީ އެކުއެކީގައެވެ.
"ސަޕްރައިޒް!" އިވުނު އަޑަށް އެނބުރި ބަލާލިއިރު ސިޓިންރޫމް ފުރާލާފައިވީ އޭނާ ދަންނަ މޫނުތަކުންނެވެ. އޮފީސް މީހުންގެ ތެރެއިން އެންމެ ގާތް މީހުންނާއި ރަޙުމަތްތެރިންގެ ތެރެއިން މަދުވާ އެކަކުވެސް ނެތެވެ.

ޙައިރާންކަމާއެކު ފަހަރަކު މީހެއްގެ މޫނަށް އޭނާއަށް ބަލައިލެވުނީ މި ވަނީ ކިހިނެއްކަން ނޭނގޭތީއެވެ. އެންމެން އެކީގައި އެއްވާންވީ މުނާސަބަތެއް ނުވިސްނިފައި ހުރި ފިޒާންއަށް، މި ވަނީ ކިހިނެއްތޯ އަހައިލަންވެސް ހަނދާން ނުވީ ލިބުނު ސިހުމަކުން ކަންނޭނގެއެވެ.
ސުވާލުމާކެއްގައި ހުރި ފިޒާންގެ ސުވާލަށް ޖަވާބު ލިބުނީ ކޭކެއް އަތަށް ލައިގެން ބަދިގެއިން ނުކުތް ފިޒާ ފެނުމުންނެވެ. ފިޒާ އައިސް އޭނާގެ އަތަށް ކޭކު ލައިދިނުމުން ކޭކުގެ މަތީގައިވީ ލިޔުންކޮޅު ކިޔައިލިހިނދު އޭނާއަށް ހުރިހާ ކަމެއް ސާފުވެގެން ދިޔައެވެ.
"މަރުޙަބާ ދަރިފުޅާ!" ލޯތްބާއި އެކުގައި ފިޒާންގެ ގައިގައި ބައްދާލަމުން މަންމަ ބުނެލިހިނދު އޭނާއަށް ޙަޤީޤަތުގައިވެސް ރޮވުނެވެ. އުފަލުންނެވެ. ނުރޯން ހިތްވަރު ކުރި ނަމަވެސް އޭނާގެ މަސައްކަތް ކާމިޔާބެއް ނުވިއެވެ.
"އޭ ޒާން ކައެ ދެން ތިހެން ރޯން ވެއްޖިއްޔާ ސަލާމަތެއް ނެތެއްނު؟ އަހަރުން ބޮސްއޭ ކިޔަން ހުރި މީހާއޭ ތީ!" އާދައިގެ މަތިން ނަވީންގެ ލާނެތްކަން ފާޅުވާކަށް ގިނައިރެއް ނުވިއެވެ. ފިޒާން އާއި ދިމާކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން އޭނާ ކިތަންމެހާވެސް ރަނގަޅަށް ހިފިއެވެ.
"އެންމެން ހިނގާ ކަން! ކައިގެން ތި ކޭކު ފަޅާނީ! ޒާން ދޭ ތި ކޭކު ފްރިޖަށް ލާން އިހަށް!" އިސްވެހުރެ ބަދިގެއަށް ވަންނަން ދަމުން ފިޒާ ބުނެލި އަޑަށް ފަހަތުން ދެން ތިބި އެންމެންވެސް ހިނގައިގަތެވެ.
ހުނުމާއި މަޖަލުގެ ތެރޭގައި އެކަކު އަނެކަކާއި ދިމާކުރަމުން ކެއުން ނިމިގެން ދިޔައީ ކުޑަވަރެއްގެ އެއްވެލުމެއް ފަދައިންނެވެ. ކައި ނިމުމުން ކާގޭތެރެ ހަމައަކަށް އެޅުވުމުގައި މަންމައާއި ފިޒާ ޙަރަކާތްތެރިވަމުން ދިޔައިރު ސިޓިންރޫމުގައި ދެންތިބި އެންމެން ފޯރިގަދަ ތާސްގަނޑެއްގެ އަވައިގައި ޖެހިފައި ތިއްބެވެ. ކުޑަކުޑަ ފިރާޒްވެސް އެމީހުންނާއި ބައިވެރިވެ، ޖޯކަރު ދެ ގަނޑު އަތަށް ލައިގެން ފިޒާންގެ އުނގުގައި އިނެވެ.
ފަނަރަވަރަކަށް މިނެޓް ތެރޭގައި ކޭކު ހިފައިގެން ފިޒާ އައުމުން ތާސް ގަނޑުގެ ފޯރި މެދުކަނޑައިލީ އަވަހަށް ކޭކުގެ ރަހަ ބަލަން ބޭނުންވެފައި އެއްބަޔަކު ތިބީތީއެވެ. ހިނިއައިސްފައި ހުރެ ފިޒާން ކޭކު ފަޅާފައި އެންމެނަށް ކޭކު ބަހައިލުމުން ކޭކު ކެއުމުގެ އިތުރަށް ފިޒާންގެ މޫނުގައި ކޭކު އުނގުޅުމުގައިވެސް ފޯރި ނަގާފައި އެއްބަޔަކު އުޅުނެވެ. ޖެހިފައި އިނދެ ކޭކު ކަމުން ދިޔަ ފިޒާމެނަށް މިކަން ވެގެންދިޔައީ މަޖާ ކަމަކަށެވެ. މަޑުމަޑުން އިނދެ ފޯނުގައި އެ މަންޒަރުތައް އޭނާ ރައްކާކުރަމުން ދިޔައީ އެހެންވެއެވެ.
"ޒާންގެ ޕްރޮމޯޝަން ކޭކުގެ ރަހަވެސް އަނގައިގައި ލީ މި. ދެން މާ ބޭނުމެއްނޫން ޒާންގެ އިތުރު ޕްރޮމޯޝަން ކޭކެއް ކާކަށް ޒާންގެ ވެޑިން ކޭކުގެ ރަހަ ނުބަލާ. ކޮން އިރަކުން އެކަން ނިންމަން ތި ވިސްނަނީ؟ އަދިވެސް އަހަރުންނަށް އެމަންޖެ ދައްކާވެސް ނުލައޭ މިސޮރު!" ފުރުސަތުގެ ބޭނުން ހިފައި ރިޝްވާން ރަނގަޅަށް ފިޒާންއާއި ދިމާކޮށްލީ، ފިޒާން އޭނާއާއި ދިމާކުރި ކުރުމުގެ ބަދަލެއްގެ ގޮތުން ކަންނޭނގެއެވެ.
"ދެން ތިކަންވެސް ވެދާނެ މާ ލަހެއް ނުވެ އިރާދަކުރެއްވިއްޔާ! މިމީހުންނަށް ނުދައްކާ މާ ދުވަހު މަށަށް މީހަކު ގޮވައިގެން އުޅެވިދާނެތަ؟ މަގޭ ބޮލުގަ ކޮށާ ކޮށާ ވެސް ކައެމެން އެކަން ކުރުވާނެ!" ހިނިގަނޑެއް ޖަހާލަމުން ފިޒާން އެހެން ބުނެލީ ވާހަކަ އޮޅުވައިލުމަށްޓަކައެވެ.
އުފާވެރި ވަގުތުކޮޅަކަށް ފަހު އެކަކު އަނެކަކާއި އަލްވަދާޢު ކިޔުމަށްފަހު އެނާމެން ނުކުމެގެން ދިއުމުން އާފުރިފުރި އިން ފިރާޒް ގޮވައިގެން މަންމަ ކޮޓަރިއަށް ވަދެގެން ދިޔައީ އެކުއްޖާ ލަސްނުކޮށް ނިންދަވައިލުމަށެވެ. ބާކީ ހުރި ކޭކުކޮޅު އައިސް އަލަމާރިއަށް ލުމަށްފަހު ތަން ސާފުކުރަން އުޅުނު ފިޒާއަށް އަތްގާތްކޮށްލަދީފައި ފިރާޒް ގޮސް ސޯފާގައި އިށީނދެލިތަނާ ފިޒާ ގޮވާލި ގޮތުން ކޮންމެވެސް ކަމެއް ވެއްޖެ ކަން އޭނާއަށް އެނގުނެވެ.
"ކީކޭ ދޮނާ؟" ފިޒާއަށް އޭނާގެ ސަމާލުކަން ލިބިއްޖެކަން އަންގައިދިނުމުގެ ގޮތުން ފިރާޒް އަހައިލި ފިޒާއަށް އޭނާގެ ވާހަކަ ކުރިއަށް ގެންދިއުމަށް މަގުކޮށައިދިނުމަށާއި އެކީގައެވެ.
"ދޮނާ ވާހަކައެއް އަހާލަންވެގެން އިނގޭ! އެކަމަކު ޒާން ބޭނުމިއްޔާ ޖަވާބުދޭނީ. ދޮނާ ނެތިން ކޮންމެހެން މަޖުބޫރުކުރާކަށް." ބުނި ގޮތުން ފިޒާންގެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް އުފެދުނު ނަމަވެސް ދޮންތަގެ އަޑުގައިވާ އޯގާތެރިކަމުން އޭނާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ.
"ދޮނާއަށް ސިއްރުކުރާނެ ވަރުގެ ކަމެއް މިހާތަނަށް ޒާން ކޮށްފައެއް ނޯންނާނެ! ދޮނާ ބޭނުން އެއްޗެއް ހަމަ އަހަންވީ. ޒާންގެ މައްސަލައެއް ނެތް." ކުޑަކޮށް ޖެހިލުންވެ ހުރެ ނަމަވެސް ފިޒާން ޖަވާބުދިނީ ފިޒާއަށް އޭނާ ކުރާ އިތުބާރުގެ ބޮޑުކަމުންނެވެ.
"ޒާންއާއި ރާނީއާ މައްސަލައެއް ޖެހިގެންތަ ތި އުޅެނީ؟" ފިޒާ ކޮއްކޮ ސުވާލުން ފިޒާންއަށް ކުޑަ ސިހުމެއް ވެސް ލިބުނެވެ. ފިޒާންގެ ފަރާތުން އަތުވެދާނެ ކޮންމެ އިޝާރާތަކަށް ފުރިހަމައަށް ސަމާލުވެ އިން ފިޒާއަށް އެކަން ވަރަށް ރަނގަޅަށް ފާހަގަވެސް ވިއެވެ.
"ތެދަށް ބުނަންޏާ މައްސަލަ ވެސް ޖެހޭ. އެއީ ދެން އެކަމަކު އާދައިގެ ކަމެއްތާ؟ ކޮންމެ ދެމީހެއްގެ ދޭތެރޭގައިވެސް މައްސަލަ ޖެހޭނެއެއްނު؟" ފިޒާންގެ ޖަވާބު އައި ގޮތުން ކޮންމެވެސް ކަމެއް ސިއްރުކުރަނީ އުޅޭ ކަމުގެ އިހުސާސެއް ފިޒާއަށް ކުރެވުނެވެ.
"ދޮނާއަށް ވެސް ތިކަން އެނގެޔޭ! ދޮނާ އަބަދުވެސް ބުނަން ދޯ ކުޑަކުޑަ މައްސަލައެއް ވިޔަސް އެއްވެސް މައްސަލައެއް ނުޖެހި މާ އޮމާންކޮށް ކަންތައް ދަންޏާ އެއީވެސް އަސްލު ޙަޤީޤަތުގައި މައްސަލައެކޭ! ކޮންމެވެސް ކަމެއް ގޯސްވީމައޭ އެހެން ވަނީ! އެކަމަކު ދޮނާ މި އަހާލީ ބޮޑު މައްސަލައެއް ތި ދެކުދިންގެ ދެމެދުގައި ޖެހިގެން އުޅޭތޯ؟ ތޫފާނެއްގެ ކުރިން އަންނަ ހިމޭން ކަމެއްގެ ވާހަކައެއް ނޫން." ފިޒާގެ ސުވާލު ބައްޓަން ކުރި ގޮތް ވެގެން ދިޔައީ ފިޒާންއަށް އަލުން ވިސްނައިލަން މަޖުބޫރުކުރި ކަމަކަށެވެ. ފުން ވިސްނުމެއްގެ ތެރެއަށް ފީނައިގަތްކަމުގެ އަސަރު ކުޑަ ހިނދުކޮޅަކަށް ފެނިގެންދިޔައިރު އެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ހުރިހާ ކުލަވަރެއް ފިޒާ ދިޔައީ ވަރަށް ރަނގަޅަށް ދިރާސާކުރަމުންނެވެ.
"އަސްލު... ތެދަށް ބުނަންޏާ މައްސަލައެކޭ ބުނާ ވަރުގެ ކަމެއް ނުވޭ. އެކަމަކު ކޫސަނި ކަންކަމާ އަހަރުން ދެމީހުން ވަރަށް ޒުވާބުކުރަން އެބަ ޖެހޭ މިހާރު. ރާޔާ ވަރަށް ބަދަލުވެއްޖެ. ރައްޓެހިވީއިރު ކަންކަމާއި އޭނަ އަންޑަސްޓޭންޑް ވީ ވަރާއި ގާތަކަށް ވެސް މިހާރު އެކަމެއް ނުވޭ. ޕްރޮމޯޝަން ލިބުނު ވާހަކަ ބުނީމައި ވެސް ހުރީ ފާޑަކަށް ބުނަންޏާ ވަރަށް ހިތްހަމަނުޖެހިފައި. ތިމަންނައަށް ވަގުތު ދޭން ބޮޑުކަމަށް ވެގެން އެހެން ނުބުނާންވެގެން ދޯޔޯ ޕްރޮމޯޝަނަށް ލީ. ދެން ޕްރޮމޯޝަން ލިބުނީމައި ޒިންމާ ބޮޑުވީމައި ބޭނުންވި ކަންތައް ވީ ނޫންހޯ. ޒާން ހިއެއްވެސް ނުކުރަން ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް ރާޔާ އެކަހަލަ އެއްޗެއް ބުނެފާނެ ކަމަކަށް. ޒާން މި ހުރިހާ ކަމެއްވެސް މި ކުރަނީ އަހަރުން މެރީކުރާއިރު އަހަރުމެންގެ ދިރިއުޅުން ފަސޭހަވޭތޯ ވިއްޔާ! އެކަމަކު ރާޔާ ހީކުރަނީ މުޅިން އެހެން ގޮތަކަށް! އޭނަ ވަރަށް ޗޭންޖުވެއްޖެ. ގިނަފަ ޖެހޭ މައްސަލައެއް ވިއްޔަ ޖެހެނީވެސް އެހެންވެ." ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފިޒާން ހުރިހާ ވާހަކައެއް އޭނާގެ ލޯބިވާ ދޮންތައަށް ކިޔައިދިނެވެ .
ނޫނެކެވެ! ކިޔައިދިނީކީ ނޫނެވެ. އެ ހިތުގައިވީ ހުރިހާ އުދާސްތަކެއްހެން އެއްފަހަރާ ބަންޑުން ކޮށްލީއެވެ!
*******(ނުނިމޭ)*******