ދުވާފަރު ދާއިރާގެ ވޯޓު އަލުން ގުނަންޖެހޭ ސަބަބެއް ނެތް: އީސީ
ޔޫޝައު ހަސަން

SHARE
މި މަހުގެ 21 ވަނަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ދުވާފަރު ދާއިރާގެ ވޯޜުލުމަށް ބެހެއްޓުނު ފޮށިތައް އަލުން ގުނައިދިނުމަށް އެ ކޮމިޝަނުގައި އެދިފައި ވީނަމަވެސް އެ ފޮށިތައް އަލުން ގުނަންޖެހޭ ސަބަބެއް ނެތް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ، އެ ދާއިރާގެ ވޯޓު ފޮށިތައް ގުނައިދޭން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުގެ ފަރާތުން އީސީގައި އެދިފައިވީ ނަމަވެސް، މިހާތަނަށް ކޮމިޝަނުން ކުރި މަޝްވަރާތަކަށް ފަހު ނިންމާފައި ވަނީ އެ ދާއިރާގެ ފޮށިތައް ގުނަންޖެހޭ ސަބަބެއް ނެތް ކަމުގައި ކަމަށެވެ.
އެގޮތުން އެކަން މިހާރު ކެނޑިޑޭޓުންނަށް އެންގުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމުގައިވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ވޯޓުލީ ދުވަހު އެ ދާއިރާގައި ވޯޓުގެ ނަތީޖާއަށް ބަދަލެއް އަތުވެދާނެ ފަދަ ހަމަނުޖެހުމެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ.
ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައިދޭން އީސީގެ ކޮމްޕްލެއިން ބިއުރޯއަށް ހުށަހަޅާފައި ވަނީ އެންމެ ހަތަރު ވޯޓުގެ ތަފާތުން ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު އަލީ ކާމިޔާބު ކުރުމުންނެވެ. އޭނާއަށް ލިބުނީ 1،074 ވޯޓެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަލީއާ އެންމެ ގާތުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނަށް ލިބުނީ 1،070 ވޯޓެވެ. އެ ދާއިރާ އަށް ވޯޓުލީ މީހުންގެ މެދުގައި 41 ވޯޓު ބާތިލުކަމަށް ވެސް އީސީގެ ވަގުތީ ނަތީޖާ އިން ދައްކައެވެ.


.jpg&w=3840&q=75)
