ސީއެޗްއެސްއީން ރައީސްއަށް އާ ކޮށްދިނީ ސްކޫލް ދައުރުގެ ހަނދާން
ސައިފުﷲ އަލީ

ރައީސް ވަޑައިގެންެނެވިއިރު ސީއެޗްއެސްއީގެ ދަރިވަރުން މަރުހަބާގެ ބެނާ ހިފަހައްޓައިގެން -- ފޮޓޯ: ރައީސް އޮފީސް
SHARE
ރައީސް ޑރ. މުހައްމަދު މުއިއްޒު މަތީ ސާނަވީ ތައުލީމު ހާސިލުކުރެއްވި ސްކޫލް, ސީއެޗްއެސްއީއަށް މިއަދު ވަޑައިގެންނެވުމުން އެ ސްކޫލްގެ ދަރިވަރުން އެމަނިކުފާނުގެ ސްކޫލް ދައުރުގެ ދުވަސްތަކުގެ ހަނދާން އާކޮށްދީފިއެވެ.

ރައީސް މިއަދު ހެނދުނު އެ ސްކޫލަށް ވަޑައިގެންނެވީސީއެޗްއެސްއީގެ 45ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ އެސެމްބްލީއަކަށް ސްކޫލްގެ އިސްދަރިވަރެއްގެ ހައިސިއްޔަތުންނެވެ.
ރައީސް ސީއެޗްއެސްއީގައި ކިޔަވާ ވިދާޅުވީ 1995 އިން 1997 އަށެވެ. މަތީ ސާނަވީ އިމްތިހާނުގައި އެ މަނިކުފާނު ވަނީ ގައުމީ ގަދަ 10ގައި ވެސް ހިމެނިފައެވެ.

ރައީސް މުއިއްޒު މިއަދު އެ ސްކޫލަށް ވަޑައިގަތުމުން، މެނޭޖްމަންޓާއި ކުދިންގެ ފަރާތުން ރަތްދޫލައިގެ ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ. އެއަށްވުރެ ބޮަޑަށް, އެމަނިކުފާނަށް ސްކޫލް ދައުރުގެ ހަނދާންތައް އައުވީ އެ ސްކޫލްގެ ދަރިވަރުން ހިފަހައްޓައިގެން ތިބި މަރުހަބާގެ ބެނާއަކުންނެވެ.
އެމަނިކުފާނުގެ ނަމާއި އިންޑެކްސް ނަންބަރު ޖަހައިފައިވާ ބެނާއެއްގައި އެ ދަރިވަރުން ލިޔެފައިވަނީ "ސީއެޗްއެސްއީއަށް އަނެއްކާވެސް މަރުހަބާ," މިހެންނެވެ.
މި ސްކޫލްގައި, ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1979 ގައި ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ނަމުގައި ކިޔަވައިދޭން ފެށީ 47 ދަރިވަރުންނާ އެކުގަވެ. މާލެ ސަރަހައްދުގައި މަތީ ސާނަވީ އަށް ކިޔަވައިދޭ ހަމައެކަނި ސްކޫލުގެ ނަން ސީއެޗްއެސްއީއަށް ބަދަލުކުރީ 2001ގަ އެވެ.


