ސީއެޗްއެސްއީގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށަނީ
ސައިފުﷲ އަލީ

SHARE
ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ މާލޭ ސްކޫލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށުމަށްޓަކައި ކުރެހުންތައް ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއަކީ މާލޭގައި ހުރި ސީއެޗްއެސްއީގެ ބިމުގައި ހަތް ބުރީގެ އާ އިމާރާތެއް ބިނާކުރުމަށް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެޑިއުކޭޝަން މިނިސްޓްރީއާއި އެ ކުންފުންޏާ ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
މި އިމާރާތުގައި 15 ކްލާސްރޫމާއި، ލީޑިން ޓީޗަރުންގެ ކޮޓަރިއާއި، އެޑްމިން އޮފީހުގެ އިތުރުން ސްކޫލް ޕާކިން ސަރަހައްދާއި ތިން ލިފްޓު ހިމެނޭނެއެވެ.
ސީއެޗްއެސްއީއަކީ 1979 ވަނަ އަހަރު ސައިންސް އެޑިއުކޭޝަން ސެންޓަރުގެ ނަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުޅުއްވައިދެއްވި މުއައްސަސާއެކެވެ. އެ ސެންޓަރުގެ ނަން ސީއެޗްއެސްއީއަށް ބަދަލުކުރީ 2000 ވަނަ އަހަރުއެވެ. ފުރަތަމަ 30 ދަރިވަރުންނާއެކު ކިޔަވައިދޭން ފެށި މި މުއައްސަސާގެ މައި ކޭމްޕަސް ހުޅުމާލެއަށް ބަދަލުކޮށް، މިހާރު އެ ކޭމްޕަސްގައި 880 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލްކުރަމުންނެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި އިތުރު ދެ ސްކޫލެއް އަޅަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. އޭގެތެރޭގައި ވޮކޭޝަނަލް އެޑިއުކޭޝަން ހިމަނައިގެން އޭލެވެލްއަށް ކިޔަވައިދޭނެ މަރުކަޒަކާއި ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭނެ އިތުރު ސްކޫލެއް ހިމެނެއެވެ.


