ބޭނުންހާ މިންވަރަކަށް އެމެރިކާގައި ވެސް ޑޮލަރެއް ނުލިބޭނެ، މި ހާލަތު ރައީސް މެނޭޖުކުރައްވަނީ ވަރަށް ރަނގަޅަށް: ޖާބިރު
މިންހާ އަބްދުالله

SHARE
ޑޮލަރުން ލިބުން ދަތިވުމަށް މެދުވެރިވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން ނޫން ކަމަށާއި ރާއްޖެއަށް ދިމާވެފައިވަނީ މުޅި ދުނިޔެއަށް ވެސް ދިމާވެފައިވާ ކަންކަން ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

"ނުކުތާ"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ ބާޒާރުތަކަށް ވެސް ބަދަލުތައް އައިސްފައިވާ ކަމަށެވެ. ދަތުރުކުރުމުގެ އަގު ބޮޑުވެ ފަތުރުވެރިން އައުން މަދުވުމުގެ ސަބަބުން ރާއްޖެއަށް އޭގެ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި މި ހާލަތު ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް މެދުވެރިވެފައިވާކަމަށް ޖާބިރު ވިދާޅުވި އެވެ.
"މިއީ ރައީސް މުއިއްޒު އުފެއްދެވި ހާލަތެއް ނޫން، އެހެންނަމަވެސް މި ހާލަތުގައިވެސް ވަރަށް ފަރުވާތެރިކަމާއެކު އިލްމީ ފެންވަރެއްގައި ގައުމު އެބަ މެނޭޖުކުރައްވާ،" ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ތައުރީފްކުރައްވަމުން ޖާބިރު ވިދާޅުވި އެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުން ނަގާފަ ހުރި ލޯނުތައް މި ސަރުކާރުން ޑޮލަރުން ދައްކަމުން އަންކަން ވެސް ޖާބިރު ފާހަގަކުރެއްވި އެވެ. އަދި ރައީސް މުއިއްޒު ގެންގުޅުއްވަނީ ދައުލަތް ރިފޯމް ކުރެއްވުމުގެ ސިޔާސަތެއް ކަމަށާއި ބޭނުންވާ މިންވަރަށްވުރެ އިތުރަށް ވަޒީފާގައި ތިބި މީހުން މަދުކުރުމަކީ ވެސް އެފަދަ ސިޔާސަތެއް ކަމަށް ޖާބިރު ވިދާޅުވި އެވެ.
"ދުނިޔޭގެ ހާލަތު މި ވަގުތު އޮތަށް ބަލާއިރު މިހާ ރަނގަޅަށް ސިޗުއޭޝަން މެނޭޖު ކުރެވިގެން މިދަނީ އެއީ ފުދޭވަރަކަށް ވިސްނައިގެން އެކަން ކުރަމުން ދާތީ، އަދި ލޯނު ވެސް ބިލިއަން ޑޮލަރުން ދައްކަމުން، ދެން އާމްދަނީ ހޯދަން ސަރުކާރުން ކުރަން ޖެހޭނެ ކަންކަން މިހާރު ޕްރޮގްރާމް ކުރަމުން ދާނީ، މިހާރުން މިހާރަށް ވިޔަފާރިތަކުން ލިބޭ ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމުން މިހާރަށް ވުރެ ހާލަތު ރަނގަޅު ވެގެން ދާނެ،" ޖާބިރު ވިދާޅުވި އެވެ.
އެހެންނަމަވެސް ރާއްޖޭގެ އެކި ސިނާއަތްތަކުން ޑޮލަރުގެ އާމްދަނީ ލިބޭ ވަސީލަތްތަކާއި ގޮތްތައް އިތުރުކުރަންޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ ޑޮލަރު ލިބުމުގެ ދަތިކަން އޮތްކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ބޭންކުން ޑޮލަރު ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މި ހާލަތުގައި ވެސް ޒަރޫރީ ބޭނުންތަކަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭކަމަށް ޖާބިރު ވިދާޅުވި އެވެ.
ބޭނުންވާ މިންވަރަށް އެއްވެސް ގައުމެއްގައި ޑޮލަރު ނުލިބޭނެ ކަމަށާއި އެމެރިކާ ފަދަ ޑޮލަރުން އޮޕަރޭޓު ކުރާ ގައުމުތަކުގައި ވެސް ބޭނުން މިންވަރަކަށް ޑޮލަރު ނުލިބޭނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

