logo

އިންޑިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސާ އަދި ބޮޑުވަޒީރަށް ރައީސް މުއިއްޒު ފޮނުއްވައިފި

ފާތިމަތު މިޝްކާ

15 އޯގަސްޓު 2026 - 11:10
އިންޑިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސާ އަދި ބޮޑުވަޒީރަށް ރައީސް މުއިއްޒު ފޮނުއްވައިފި

ރައީސް މުއިއްޒު އިންޑިޔާގެ ބޮޑުވަޒީރު މޯދީއާއެކު

SHARE

އިންޑިއާގެ 80 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސާ ހަރ އެކްސަލަންސީ ދުރޫޕަދީ މުރުމޫއަށާއި، އިންޑިޔާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ނަރެންދުރަ މޯދީއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާގެ ލީޑަރުންނާއި، ސަރުކާރަށާއި، އަޚުވަންތަ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.

ރައީސާ މުރުމޫއަށް ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާގެ ދިމިޤްރާތީ ބަދަހިކަމާއި އިޖުތިމާޢީ އަދި އިޤްތިޞާދީގޮތުން ހޯދާފައިވާ ކުރިއެރުންތަކަކީ، މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ޞުލްޙަޔާއި، ހަމަޖެހުމާއި، ތަނަވަސްކަން ޤާއިމުކުރުމުގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރުވެސް، އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.

ބޮޑުވަޒީރު، ނަރެންދްރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން، އިސްތިރާޖީ ގޮތުން ގުޅުން ބަދަހިކޮށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި ވެއެވެ.

ސިޓީފުޅުތައް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ރައީސާއާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އިންޑިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި މި ޝުއޫރުތައް ތަކުރާރު ކުރައްވަމުން، މިނިވަންކަމުގެ ދިގު މާޒީ ރަމްޒުކޮށްދެނީ އިންޑިއާގެ ސަރުކާރާއި ރައްޔިތުންގެ އުންމީދުތަކާއި، ސާބިތުކަމާއި، ނުގުޑާފަދަ ޤައުމީ ރޫހުކަން ފާހަގަކުރައްވާފައި ވެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d