logo

ގައުމެއްގެ ސައިޒަކީ އަޚްލާގީ ޒިންމާ ކުޑަވާންޖެހޭ ސަބަބެއް ނޫން: ރައީސް

ސައިފުﷲ އަލީ

19 އޯގަސްޓު 2026 - 15:45
ގައުމެއްގެ ސައިޒަކީ އަޚްލާގީ ޒިންމާ ކުޑަވާންޖެހޭ ސަބަބެއް ނޫން: ރައީސް

ރައީސް މުއިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

SHARE

ޤައުމެއްގެ ސައިޒަކީ އެ ޤައުމެއްގެ އަޚްލާޤީ ޒިންމާ ކުޑަވާންޖެހޭ ސަބަބެއް ނޫންކަން ފާހަގަކުރައްވައި، އިންސާނީ އެހީތެރިންނަށް ދެވޭ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލުމަކީ ދިވެހިރާއްޖޭގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. މި މެސެޖުގައި މުޅި އިންސާނިއްޔަތުގެ ލާބައާއި މަންފާއަށްޓަކައި، ނުރައްކަލަށް ހުށަހެޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްކުރަމުންދާ އިންސާނީ ޚިދުމަތްތެރިންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ފޮނުއްވާފައިވަނީ ދިވެހިރާއްޖޭގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ހަނގުރާމަތަކާއި، ގެދޮރު ގެއްލުމާއި، ބަނޑުހައިހޫނުކަމާއި، މޫސުމީ ކާރިސާތަކުގެ ސަބަބުން ދުނިޔޭގައި އިންސާނީ އެހީތެރިކަމަށް ބޭނުންވާ މިންވަރު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

މުޅި ދުނިޔޭގައިވެސް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ލިބެންޖެހޭ ރައްކާތެރިކަމަށް މިއަދު އެންމެ ބޮޑަށް ހުރަސްއެޅިފައިވާ ތަނަކީ ޣައްޒާކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ގަސްދުގައި އިންސާނީ އެހީއަށް ހުރަސްއެޅުމާއި، ޙިޞާރުކުރުމާއި، އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ދެވޭ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ނުރައްކާތެރި ޖަރީމާތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން ތަކުރާރުކުރައްވައި، އެ ޤައުމުގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ އެންމެންގެ މައްޗަށް އެއްހަމައަކުން ތަންފީޒުކުރެވޭ ބައިނަލްއަޤްވާމީ ޤާނޫނުތަކަކާއި ހަމަތަކެއްގެ މައްޗަށް އެކުލެވިފައިވާ ބައިނަލްއަޤްވާމީ ނިޒާމެއްގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަތަރުވަނަ ޖެނީވާ މުޢާހަދާގެ ބައިވެރިއެއްގެ ޙައިސިއްޔަތުން، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކަށާއި، ޢާންމު ރައްޔިތުންނާއި އިންސާނީ އެހީތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ސާބިތުކަމާއެކު ދިވެހިރާއްޖެ ދެމިއޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ޙުރުމަތް ހިފެހެއްޓުމަށާއި، އިންސާނިއްޔަތުކަމާއި، ވަކިފަރާތަކަށް ނުޖެހުމާއި، ޢަދުލުވެރިކަމާއި، މިނިވަންކަމުގެ އަސާސްތައް ނެގެހެއްޓުމަށް ހުރިހާ ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ގޮވާލެއްވިއެވެ. މި އުޞޫލުތަކުގެ އަގުވަޒަންކުރައްވަމުން، އިންސާނިއްޔަތުގެ ޚިދުމަތުގައި ނުރައްކަލަށް ހުށަހެޅި، ފުރާނައިން ޤުރުބާންވަމުންދާ ފަރާތްތަކުގެ ޒިކުރާ އެމަނިކުފާނު އިޙްތިރާމާއެކު އާކުރެއްވިއެވެ.

އެފަރާތްތަކުގެ ޤުރުބާނީގެ ސަބަބުން، ހުރިހާ އިންސާނީ ޚިދުމަތްތެރިންގެ ރައްކާތެރިކަމާއި އަމާންކަން އެއްވެސް އުނިކަމެއްނެތި ކަށަވަރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ލާޒިމުކުރާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަސް، ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ކާރިސާތަކާއި ހަމަނުޖެހުންތައް ހިނގާ ސަރަޙައްދުތަކުގައި ޚިދުމަތްކުރުމުގެ ތެރޭގައި ޝަހީދުވާ އަދި ޒަޚަމްވާ އެހީތެރިންގެ ޒިކުރާ އާކުރުމަށެވެ. އަދި އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތިމާގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު މަޤްޞަދެކެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d