ތިނަދޫގައި ފުޓްސަލް ދަނޑެއް ހެދި ބަޔަކަށް އަގުގެ އިތުރަށް 34،000 ރުފިޔާ ދިން
ޢާއިޝަތު ޖަނާ ޝަރީފް
.webp&w=3840&q=75)
SHARE
ގދ. ތިނަދޫ ބަރާސިލް އަވަށުގެ ފުޓުސެލް ދަނޑެއް ހެދި ބަޔަކަށް އަގުގެ އިތުރަށް 34،000 ރުފިޔާ ދީފައިވާ ކަމަށް އެ ރަށު ކައުންސިލުގެ އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ.

އެ ކައުންސިލުގެ 2022 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ވާގޮތުން މަސައްކަތް ކުރި ފަރާތަށް ދައްކަަން ޖެހޭ ޖުމްލަ ފައިސާގެ އަދަދުގެ އިތުރަށް ކައުންސިލުން 34،651 ރުފިޔާ ވަނީ ދީފައެވެ.
އެ ދަނޑު އެޅުމަށް 865،726 ކޮންޓްރެކްޓެއްގައި އެ ރަށު ކައުންސިލުން ސޮއި ކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ.
މީގެ އިތުރަށް އެ ރިޕޯޓުގައި ވާގޮތުން ކައުންސިލުން މަސައްކަތް ކުރި ފަރާތަށް ފައިސާ ދައްކައިފައިވަނީ، ރިޓެންޝަން ފައިސާގެ ގޮތުގައި އުނި ކުރަން ޖެހޭ 43،286 ރުފިޔާ އުނި ނުކޮށެވެ.
އަދި މީގެ އިތުރުން މުއްދަތަށް މަސައްކަތް ނުނިމުމުގެ ގޮތުން އުނި ކުރަން ޖެހޭ ލިކުއިޑޭޓެޑް ޑެމޭޖެސްގެ %15 އަށްވާ 129،859 އާއި، މުއްދަތަށް މަސައްކަތް ނުނިމުމުގެ ސަބަބުން ކޮންޓްރެކްޓާއި އެއްގޮތަށް އުނި ކުރަން ޖެހޭ 100،000 ރުފިޔާ އުނި ކުރަން ޖެހޭނެ ކަމަށް އޮތް ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.
.png&w=3840&q=75)
މި ފައިސާ އުނި ކުރުމަށްފަހު، މަސައްކަތް ކުރި ފަރާތަށް ދޭން ޖެހޭ ފައިސާގެ ގޮތުގައި ރިޕޯޓުގައި ވަނީ 635،867 ރުފިޔާއެވެ. އެހެން ނަމަވެސް ކައުންސިލު އިދާރާއިން ހަތަރު ޕޭމަންޓަކަށް ބަހައިލައިިގެން އެ ފަރާތަށް 670،518 ރުފިޔާ ވަނީ ދީފައެވެ. އެއީ:
- އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 129،859
- ދެވަނަ ޕޭމެންޓުގެ ގޮތުގައި 291،001
- ތިންވަނަ ޕޭމެންޓުގެ ގޮތުގައި 150،095
- ހަތަރުވަނަ ޕޭމެންޓުގެ ގޮތުގައި 99،563
އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ އިތުރަށް ދީފައިވާ ފައިސާ އެކަމަށް ޒިންމާވާ ފަރާތަކުން އަނބުރާ އެ ފައިސާ ހޯދުމަށާއި ނުލިބިއްޖެ ނަމަ އެ ފައިސާ ހޮދުމުގެ ކަންކަން މާލިއްޔަތުގެ މައްސަލަތަށް ގަވާއިދުގައި ކަނޑައަޅައިފައިވާ ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް އެ ކައުންސިލަށް އަންގައިފައެވެ.